ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެގޮތުގައި 492 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ބީއެމްއެލްގެ މިއަހަރުގެ ތިންވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 718 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މިއީ ކުރީ ކުއާޓަރއާ އަޅާބަލާއިރު %2.9 އިތުރު އަދަދެކެވެ. އަދި ތިންވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު %9.6 އިތުރު އަދަދެކެވެ.
ބޭންކުގެ ލޯނު ޕޯޓްފޯލިއޯ ދަނީ ހަރުދަނާކަމާއެކު ކުރިއަރަމުންނެވެ. މި ކުއާޓަރގައި ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ. ކުއާޓަރ ނިމުނުއިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގައެވެ. ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ %54 ގައި ހުރިއިރު މިއީ ގަވާއިދުން ލާޒިމުކުރާ މިންވަރަށްވުރެ މަތީ އަދަދެކެވެ.
ތިންވަނަ ކުއާޓަރގެ މާލީ ހިސާބުތަކާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އެބައޮތްކަމަށެވެ.
"މާލީ ގޮތުން ހޯދި ރަނގަޅު ނަތީޖާއާ މެދު އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން އަދި ހަމައެހެންމެ މުޖުތަމައަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ގައުއުމުގެ މުސްތަގުބަލް އާރާސްތުކުރުމަށް ބޭންކުން ކުރާ މަސައްކަތާމެދުވެސް ފަޚުރުވެރިވަން." ޝަރީފް ވިދާޅުވިއެވެ.
ތިންވަނަ ކުއާޓަރގައި ބޭންކުންވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް މަޝްރޫޢަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ. އަދި 1 މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައްވެސް ބޭންކުން ހާމަކުރީ އެ ކުއާޓަރގައެވެ. ފަންޑުގެ ދަށުން ތަޢުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައުގެ ތަރައްގީއާ ގުޅޭ ދާއިރާތަކުން 5 މަޝްރޫޢަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މި މަޝްރޫޢުތަކުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމާއި އައު ގޮތްތައް ތަޢާރަފުކުރުމާއި އިޖުތިމާއީ ބޭނުންތަކަށް ފުރުސަތުތައް ހޯދައިދިނުމެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ބީއެމްއެލުންދަނީ ދެމުންނެވެ.