ޚަބަރު

އާރުޓީއެލް ފެރީގެ ޚިދުމަތްދެމުންދާ މޮޑެލް ބަދަލުކުރުމަށް އިކޮނޮމިކް ކައުންސިލަށް ހުށައަޅައިފި


  • މިހާރު ބޮޑު ސަބްސިޑީއެއް ދީގެން ޚިދުމަތްދެމުންދަނީ

  • ސަބްސިޑީ ބޮޑުކޮށްގެން ދެމެހެއްޓެނިވިގޮތެއްގައި ޚިދުމަތް ނުދެވޭނެ

އާރްޓީއެލް ފެރީގެ ޚިދުމަތް ދެމެހެއްޓެނިގޮތެއްގައި ދިނުމަށް ފެރީގެ ޚިދުމަތް ދެމުންދާ މޮޑެލްއަށް ބަދަލު ގެނައުމަށް އިކޮނޮމިކް ކައުންސިލަށް ހުށައަޅާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތަކީ ރައްޔިތުންނާއި ގުޅުންހުރި މުހިންމު ޚިދުމަތެއްނަމަވެސް މިހާރު ދެމުންދާ އުސޫލުން ޚިދުމަތް ދިގުމުއްދަތެއްގައި ނުދެވޭނެކަމަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތަކީ ކުރީ ސަރުކާރުން ފައްޓަވާފައިވާ ރަނގަޅު ޚިދުމަތެއްކަމަށެވެ. އެހެންނަމަވެސް މިހާރު ޚިދުމަތް ދެމުންދާ މޮޑެލްގެ ސަބަބުން ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ނުގެންދެވޭނެކަމަށެވެ. ވަޒީރު ހާމަކުރެއްވިގޮތުގައި މިޚިދުމަތް ދެމުން އަންނަނީ ދައުލަތުން ބޮޑު ސަބްސިޑީއެއް ދީގެންނެވެ.

އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ފުރަތަމަ އަހަރު 48 މިލިއަން އަދި މިދިޔަ އަހަރު 130 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއަހަރު 280 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަބްސިޑީގެ ގޮތުގައި މިޚިދުމަތް ދިނުމަށް ހޭދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އާރްޓީއެލްގެ ރޯލްއައުޓް ޕްލޭނަށް ބަދަލެއް ނުގެންނާނަން. އެހެންނަމަވެސް އަޅުގަނޑުމެން ނިންމީ 2027 ވަނަ އަހަރު ނިންމަން އޮތް މިމަޝްރޫޢު މުޅި ރާއްޖޭގައި ޚިދުމަތް 2026ގެ ނިޔަލަށް އެއްކޮށް ނިންމުމަށް. މިހާރު މިއޮތް މޮޑެލް މިއީ ދައުލަތަށް ކެތްވާވަރުގެ މޮޑެލްއެއް ނޫން." ވަޒީރު އަމީން ވިދާޅުވިއެވެ.

މިހާރު އޮތް މޮޑެލްގައި ރިކަވަރީއަކީ %20 ކަމަށާއި %80އަކީ ސަބްސިޑީކަމަށް ދަތުރުފަތުރާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. މިގޮތަށް ކުރިއަށްދާނަމަ އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ސަބްސިޑީއަށް އަރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިކަން ބަދަލުކުރުމަށް އިކޮނޮމިކް ކައުންސިލަށް މިހާރުވަނީ ހުށައަޅާފައެވެ. އެކައުންސިލަށް ހުށައަޅާފައިވަނީ މިމަޝްރޫޢު ފެށުމަށްޓަކައި ޔޫއެސްއެއިޑްގެ ފަރާތުން ދެއްވާފައިވާ ޚިޔާލާ އެއްގޮތަށް ބަދަލުކުރުމަށްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެއާއެކު ސަބްސިޑީގެ ނިސްބަތް %55އަށް ކުޑަކޮށް ރިކަވަރީގެ ނިސްބަތް %45އަށް އިތުރުކުރުމަށް މަޝްވަރާކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތަށް ބަދަލުކުރުމުން އާރްޓީއެލްގެ ޚިދުމަތް މެދުނުކެނޑި، ދެމެހެއްޓެނިވޮގޮތެއްގައި ދެވޭނެކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.