ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 2.5 ބިލިޔަން ރުފިޔާ ހިމަނާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޢިލްމީ ޤާބިލު ޖީލެއް ބިނާކުރުމަށް ސަރުކާރުން އިސްކަންދެއްވާ ފަދައިން، އިޖްތިމާޢީގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއްކަމަށެވެ. އަދި ރާއްޖެއަށް އިޖްތިމާޢީގޮތުން ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްސަ އިސްކަމެއްދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައިވެސް ގެދޮރުވެރިކަމަށްޓަކާ އެންމެ ބޮޑަށް މަގުފަހިކޮށްދޭނެ ބަޖެޓުކަމަށެވެ. އެގޮތުން އަލަށް ފަށާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ގޮތުގައި އެކަނިވެސް 1.5 ބިލިޔަން ރުފިޔާގެ މަސައްކަތް އަންނަ އަހަރު ހިނގާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ފިޒިކަލް ކޮންސްޓްރަކްޝަން ހައުސިންގ ޕްރޮޖެޓްސްތަކުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާގެ މަސައްކަތް މިއަންނަ އަހަރު ހިނގާނެ، ޢަމަލީގޮތުން ގެދޮރު ބިނާކުރުމުގެ. ހަމަމިއާއެކީގައި ނޮވެމްބަރު ކުރީކޮޅު އަޅުގަނޑު ވަޢުދުވީ ފަދައިން %5 އިންޓްރެސްޓްގައި ދޫކުރާ ލޯނަށް ހުޅުވާލެވޭނެ. އެލޯނަށް ބޭނުންވާ 1 ބިލިޔަން ރުފިޔާވެސް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް އިޤްތިޞާދު ފުޅާކުރުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސް ވަނީ އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން ޒުވާނުންނަށް ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކޮށްދީ، އެކި ކަހަލަ ފަންނުތައް ވިއްކައިގެން ފުރިހަމަ ޕޭމަންޓް ގޭޓްވޭއެއް ޤާއިމުކޮށްދިނުމަށް އެކި ކަހަލަ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، 2030 އާއި ހަމައަށް ދާންވާއިރަށް ރާއްޖޭގެ އިޤްތިޞާދުގެ ޖީޑީޕީގައި ޑިޖިޓަލް އިކޮނޮމީ ހިއްސާވާ މިންވަރު %15 އަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެކަމަށް މަގުފަހިކުރުމަށްޓަކާ ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ތަޢާރަފުކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އެމްއެމްއޭއިން މިހާރު ފަށާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
"އެކަމުގެ ޢަމަލީ މަސައްކަތްތައް އެމްއެމްއޭގެ ގަވަރުނަރު މިހާރު ފަށައިފި. ކްރިޕްޓޯ ކަރަންސީ، ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ގެނައުމަށް އޭގެ ހުރިހާ ޤާނޫނީ ކަންތައްތަކަށްވެސް ފަރުވާ ލިބޭގޮތަށް ޚާއްސަ ޤާނޫނު ހަދައިގެން އަދިވެސް ދެން ހުންނަ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިކްސްތަކާ އެއްގޮތަށް ރާއްޖޭގައި ޑިޖިޓަލް ކަރަންސީ ފުޅާކުރުމަށް. މި ކަންކަމަކީ ކިޔަވައިގެން ނިކުންނަ ޒުވާނުން، އެކި އެކި ފަންނުވެރިން ރާއްޖޭގެ އިޤްތިޞާދުގައި ހަރަކާތްތެރިވުމަށް ހުރި ފުރުޞަތުތައް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ދުނިޔޭގެ މައިދާނުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ނަތީޖާކަމަށާއި، އަބަދުވެސް މަސައްކަތްކުރަމުންދަނީ ނަތީޖާ ޙާޞިލުކުރުމަށްޓަކާ ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ އަޒުމުގައި ކަމަށެވެ.