ދައުލަތުގެ ޚަރަދު ބެލެހެއްޓުމުގައި ފާހަގަވި ބޮޑެތި މައްސަލަތައް ހައްލުކުރުމަށްފަހު، ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފްސީލްތައް މާލީ ވުޒާރާއިން އާންމުކޮށްފިއެވެ.
މިދިޔަ ސަރުކާރުން ދައުލަތުގެ ޚަރަދު ބަލަހައްޓަމުން ދިޔަ ގޮތާގުޅޭ ސީރިއަސް، އަދި ޤާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް ފާހަގަކުރެވުމާއެކު މާލީ ވުޒާރާއިން ވަނީ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" އާންމުކުރުން މިދިޔަ ޖޫންމަހު މަޑުޖައްސާލާފައެވެ.
މާލީ ވުޒާރާއިން އާއްމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ޖޫން މަހުން ފެށިގެން އޮކްޓޫބަރުމަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފްސީލްތައް ވަނީ އާންމުކޮށްފައެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 28.2 ބިލިއަން ރުފިޔާއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް މުދަލުންނާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްއިންނެވެ. މި މުއްދަތުގައި ރީކަރަންޓް އަދި ކެޕިޓަލް ޚަރަދަކީ 37.7 ބިލިއަން ރުފިޔާއެވެ.
ރިޕޯޓުތަކުން ފާހަގަކުރެވޭ ގޮތުގައި މުސާރައަށް ކުރާ ހޭދަ ވަނީ ބޮޑުވެފައެވެ. އެއީ، ސިފައިންނާއި ފުލުހުންނާއި ކުރިން ޕޭ ހާމަނައިޒްކޮށްފައިވާ އެހެނިހެން ދާއިރާތަކުގެ މުސާރަ ބޮޑުވުމާއި ގުޅިގެންކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީން އޮކްޓޫބަރުމަހާއި އަޅާބަލާއިރު، މިއަހަރު އެ މުއްދަތުގައި ޚަރަދުވުން ވަނީ ނިސްބަތުން ހިފެހެއްޓިފައެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، މުޅި ޚަރަދަށް އިތުރުވެފައިވަނީ 700 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހުސްނުވާކަން ރިޕޯޓުން އެނގެއެވެ. އަދި ސަޕްލިމެންޓަށް ބަޖެޓު ހުށައަޅާފައިވަނީ، ފާސްކޮށްފައިވާ އަދަދަށްވުރެ އިތުރަށް ޚަރަދު ހިނގާނެކަމަށް އަންދާޒާ ކުރެވޭތީކަން މާލީ ވުޒާރާއިން ފާހަގަކުރައްވައެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ މިދިޔަ އަހަރުތަކުގައި ޚަރަދުކޮށްފައިވާކަމަށެވެ. އެކަމާއި ގުޅިގެން ބަންޑާރަ ނައިބް އަޙްމަދު އުޝާމް ވިދާޅުވީ ކުރީގެ ސަރުކާރުން ބިލިޔަނުން ފައިސާ ޚަރަދުކުރުމަށްފަހު، މާލީ ވުޒާރާގެ ސިސްޓަމްގެ ތެރެއިން އެކައުންޓް ނުކުރެވިވާކަމަށެވެ.
ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާއި ގުޅިގެން ހުރި ސީރިއަސް މައްސަލަތައް ބެއްލެވުމަށްފަހު އޮޑިޓަރ ޖެނަރަލް ރިޕޯޓު ނެރުއްވުމާއެކު އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވެސް ވަނީ ވިދާޅުވެފައެވެ.
2023 ވަނަ އަހަރުގެ ޚަރަދުގެ ތެރެއިން ރިކޯޑުނުކޮށްވާ 2 ބިލިއަނެއްހާ ރުފިޔާގެ ތަފްސީލުތައް ކަށަވަރުކުރުމުގެ މަސައްކަތް އޮޑިޓް އޮފީހުން ކުރަމުންދާއިރު 2023 ގެ ޚަރަދުތަކުގެ އަދަދުތަކަށް ބަދަލު އަންނާނެކަން މާލީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.