ޚަބަރު

އިޒްރޭލުން އިރާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި


  • މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމަކީ މުހިންމު ކަމެއް

އިޒްރޭލުން އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާތަކަކީ އީރާނުގެ އިސްތިގުލާލާއި ބައިނަލްއަގްވާމީ ޤާނޫނުތަކާ ޚިލާފު ހަމަލާތަކެއް ކަމަށް ބުނެ ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޒަޔަނިސްޓު ދައުލަތުގެ ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާއިރު މިއީ އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުން ޔަހޫދީ ފައުޖުގެ އަސްކަރީ އަމާޒުތަކަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ނިރުބަވެރި ޙަމަލާތަކެކެވެ. މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ޔަހޫދީ ފައުޖުން އިތުރު ޙަމަލާތަކެއް ދިނުމާ ގުޅިގެން އެ ސަރަޙައްދުގައި ލޭއޮހޮރުވުން ބޮޑު, އަދި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިޒްރޭލުން އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާ ކުށްވެރިކޮށް، ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހަމަނުޖެހުންތައް އިތުރަށް ބޮޑުނުވެ، މެދުއިރުމަތީގައި ސުލްހަ ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި، ސަރަޙައްދުގެ ދެމެހެއްޓެނިވި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް މަޝްވަރާތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

އީރާނަށް ޙަމަލާ ދިނުމަށް ފަހު ޔަހޫދީ ފައުޖުން ވަނީ, އެ ޙަމަލާތަކުގެ ރައްދު ނުދިނުމަށް އީރާނަށް ގޮވައިލާފައެވެ. ތިން ރާޅަކަށް ދިން ޙަމަލާތަކަށް ފަހު, ޔަހޫދީން ބުނީ ބަދަލު ހިފުމުގެ ގޮތުން ދޭން ނިންމާފައިވާ ޙަމަލާތައް ނިމުމަކަށް އައިސްފައިވާ ކަމުގައެވެ. ނަމަވެސް, އީރާނުގެ ދައުލަތާ ގުޅުން އޮތް މީޑިޔާތަކުން ބުނީ, ޔަހޫދީންގެ ޙަމަލާތަކާ ބައްދަލު ރައްދެއް އީރާނުން ދޭނެ ކަމުގައެވެ.