ޚަބަރު

ޑޮމެއިން ނަމްބަރުތައް ވިއްކުމުގެ މަސައްކަތް އަންނަމަހު އަލުން ފަށަނީ


  • ޑޮމެއިން ނަމްބަރުތައް ވިއްކުން ހުއްޓާލީ 2023 ވަނަ އަހަރު

  • ހިދުމަތް އަލުން ފަށާއިރު އެއްވެސް މީހެއްގެ ހައްޤަކަށް އުނިކަން ނާންނާނެކަމުގެ ޔަޤީންކަން ދީފައިވޭ

އަންނަ މަހުން ފެށިގެން އަލުން ޑޮމެއިން ނަމްބަރުތައް ވިއްކަން މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ބޮޑު އަގުގައި އަދި ނީލަމުގެ އުސޫލުން ވިއްކަމުން ދިޔަ ޑޮމެއިން ނަމްބަރުތައް ވިއްކުން ހުއްޓާލީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

ޑޮމެއިން ޚިދުމަތަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ނުހަނު މަޤުބޫލުކަން ލިބިފައިވާ ޚިދުމަތެކެވެ. އަދި ޑޮމެއިން ގަތުމަށާއި ގުޅުންހުރި ޚިދުމަތް ހޯދުމަށް ބޮޑު ހޭދައެއް ބައެއް މީހުން ކޮށްފައިވެއެވެ. ކަންމިހެން ހުރުމާއެކު މި ޚިދުމަތް އަލުން ފެށުމަށްޓަކައި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ޑޮމެއިންގެ ޚިދުމަތް އަލުން ފެށުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮމެއިންގެ ރެކޯޑުތައް ހަރުދަނާ ގޮތެއްގައި މިނިސްޓްރީން ބަލަހައްޓާފައި ނެތުމާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ހަރުދަނާ އުސޫލެއް އެކުލަވާލާފައި ނެތުން ކަމަށެވެ.

ނަމަވެސް އަލުން ޑޮމެއިންގެ ޚިދުމަތް ފަށާއިރު މިހާރު އަމަލު ކުރަމުން އަންނަ އުސޫލުތަކާއި ގަވާއިދުތައްވެސް އިސްލާހުވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން ޑޮމެއިން ޚިދުމަތް ދިނުމާގުޅޭ ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ލިޔެކިޔުންތަކަކަށް ބަދަލުވެގެން ދާނެކަމަށްވެސް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.


ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ނަމްބަރުތައް ވިއްކުމުގައި މަޤްސަދަކަށް ވާނީ ޑޮމެއިން ޚިދުމަތާއި ގުޅިގެން ކުރިމަތިވެފައިވާ މައްސަލަތަކަށް ގާނޫނީ ހައްލު ހޯދައިދީ އެ ޚިދުމަތަކީ ފަސޭހައިން ލިބޭ ޚިދުމަތަކަށް ހެދުން ކަމަށެވެ.

ޑޮމެއިން ނަންބަރު ދޫކުރުމުގެ ޚިދުމަތް އަލުން ފެށި ނަމަވެސް އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން ނާންނާނެކަމުގެ ޔަޤީންކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ.