ޚަބަރު

ގެދޮރު އަޅަން ލުއި ލޯނަށް އެދުމަށް ހުޅުވާލަނީ


  • ލުއި ލޯން ސްކީމްގެ ދަށުން 3 ބާވަތެއްގެ ލޯން ދޫކުރާނެ

ގެދޮރު އަޅަން ލުއި ލޯނުދިނުމަށް ސަރުކާރުން އިފްތިތާޙުކޮށްފައިވާ "ހިޔާވަހި ފައިނެންސް ސްކީމް"ގެ ދަށުން ލޯނަށް އެދެމުގެ ފުރުޞަތު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލެވޭނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޙައިދަރު މިހެން ވިދާޅުވީ ހިޔާވަހި ފައިނެންސް ސްކީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއާއެކު ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހިޔާވަހި ފައިނެންސް ސްކީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، ބީއެމްއެލްއާއެކީގައި ސޮއިކުރެވިގެން މިދިޔައީ ބޯހިޔާވަހިކަމަށް ދޫކުރެވޭ ލުއި ލޯނު ސްކީމްގެ މަސައްކަތުގައި ފަންޑު މެނޭޖްކުރުމުގައި އެ ބޭންކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތަށް ކަމަށެވެ. އަދި މި ބޭނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއެކުވެސް ސޮއިކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ "ހިޔާވަހި ފައިނެންސް ސްކީމް"ގެ ދަށުން ލޯނަށް އެދެމުގެ ފުރުޞަތު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށާއި މި ލޯން ދޫކުރާނީ ފުރަތަމަ ފަހަރަށް ގެ އަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ.

"މި ލޯން ސްކީމް ވާނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބޭ ބޮޑު ޙައްލަކަށް. އަދި ގެ އަޅަން ބޭނުންވާ ފަރާތްތަކަށް ލިބޭ ބޮޑު ލުޔަކަށް." ވަޒީރު ވިދާޅުވިއެވެ.

ހިޔާވަހި ފައިނެންސް ސްކީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފެވެ.

"ހިޔާވަހި ފައިނެންސް ސްކީމް"ގެ ދަށުން ދޫކުރާނީ 3 ބާވަތެއްގެ ލޯނެވެ. އެގޮތުން އަރބަން ސެންޓަރުތައް ހިމެނޭ ތަންތަނުގައި ގެ އެޅުމަށް ދޫކުރާނީ ގިނަވެގެން 3 މިލިޔަން ރުފިޔާގެ ލޯނެވެ. އަދި މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް ދޫކުރާނީ 6 މިލިޔަން ރުފިޔާގެ ލޯނެވެ. އަދި އެހެނިހެން ސަރަހައްދުތަކުގައި ގިނަވެގެން ދޫކުރާނީ 1 މިލިޔަން ރުފިޔާއެވެ.

މި ލޯންތައް ދޫކުރަނީ 25 އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ގޮތަށެވެ. މި ލޯންތަކުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތައެވެ.