ޚަބަރު

ތާރީޚުގެ ވާހަކަތަކުން ޤައުމުގެ ދިފާޢުގައި މަސައްކަތްކުރުމުގެ ރޫޙެއް އުފައްދައިދޭ: ވަޒީރު އާދަމް ނަޞީރު


  • ބޮޑުތަކުރުފާނުގެ ޖިހާދު ސުމޭކުކޮށް ދެއްކުމަށް ސްކްރީންތަކެއް އެސްޓީއޯއިން ހަދިޔާކުރި

  • ސްކްރީންތައް ހަދިޔާކޮށްފައިވަނީ ދިވެހިބަހާބެހޭ ވުޒާރާއަށް

ތާރީޚުގެ ވާހަކަތަކުން ޤައުމުގެ ދިފާޢުގައި މަސައްކަތްކުރުމުގެ ރޫޙެއް އުފައްދައިދޭކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބޮޑުތަކުރުފާނުގެ ޖިހާދު ސުމޭކުކޮށް ދެއްކުމަށް ބޭނުންވާ ސްކްރީންތައް އެސްޓީއޯއިން ދިވެހިބަހާ ބެހޭ ވުޒާރާއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސްކްރީންތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމް، ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ހިކުމަތްތެރި ޖިހާދުގެ ޒިކުރާތައް ހަނދާންކުރުމަކީ މި ޖީލުގެ ޒިންމާއެއް ކަމަށެވެ. އަދި މިފަދަ ޒިކުރާތަކާއި ތާރީޚުގެ ހަނދާންތައް އައު ކުރުމުން ޤައުމުގެ ދިފާޢުގައި މަސައްކަތްކޮށް، އަމާންކަމާއި މިނިވަންކަމާއެކު ޤައުމު ބޭއްވުމަށް މަސައްކަތްކުރުމުގެ ރޫޙެއް އުފެދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫއު ރައީސުލްޖުމްހުރިއްޔާ ފެއްޓެވީވެސް، ދިވެހިން މިހާތަނަށް މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބި ސަބަބުތައް ދިވެހިންނަށް ވިސްނައިދިނުމަށް. ދިވެހި ޤައުމު ސަލާމަތްކަންމަތީ ބޭއްވުމަށް ޢިލްމީގޮތެއްގައި މަސައްކަތްކުރާނެ ބަޔަކު އުފެއްދުމަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޣާޒީ ދޮންބަންޑާރައިން ނުވަތަ ބޮޑުތަކުރުފާނުގެ ޖިހާދު ސުމޭކުކޮށް ބެލޭނެ މަގު ފަހިކުރުމަކީ އެތަކުރުފާނުގެ ޖިހާދުގެ ޒިކުރާތައް އައުކޮށް، އެތަކުރުފާނު ކުރެއްވި ބުރަ ޤައުމީ މަސައްކަތް އަދުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

ބޮޑުތަކުރުފާނުގެ ޖިހާދު ސުމޭކުކޮށް ދެއްކުމަށް ބޭނުންވާ ސްކްރީންތައް އެސްޓީއޯއިން ދިވެހިބަހާ ބެހޭ ވުޒާރާއަށް ހަދިޔާކޮށްފައިވާއިރު، އެކަމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހިބަހާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރ މުޙައްމަދު ޝަހުދެވެ.

އެސްޓީއޯއިން ދިވެހިބަހާބެހޭ ވުޒާރާއަށް 15 ސްކްރީން ހަދިޔާކުރިއެވެ.