ޚަބަރު

ކެޓް ޝެލްޓަރގެ މަސައްކަތް ނިންމާ، އަންނަ މަހު 2 ގައި ހުޅުވަނީ


  • މިހާރު ކުރިއަށް އަދަނީ ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް

  • ޖަނަވާރަށް ޚާއްސަ ޑޮކްޓަރަކާއި އެކަމަށް ޚާއްސަ ދެ ނަރުހުން ހޯދުމަށް ވަނީ އިއުލާންކޮށްފައި

  • ވެޓެރިނަރީ ޑޮކްޓަރުގެ މުސާރައަކީ 35،000ރ.

ވަގުތީ ކެޓް ޝެލްޓަރގެ މަސައްކަތް ނިންމާ އަންނަ މަހުގެ 2 ގައި ހުޅުވަން ތައްޔާރުވެފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކެޓް ޝެލްޓަރ ހަދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ. މިކަމަށް 5000 އަކަ ފޫޓުގެ ބިމެއް ހަމަޖައްސާ އެ މަސައްކަތް ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ވަގުތީ ކެޓް ޝެލްޓަރގެ މަސައްކަތް އެއްކޮށްހެން މިހާރު ނިމިފައިވާކަމަށް ޖަނަވާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މާލޭ ސިޓީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަކެވެ. އަދި އަންނަމަހުގެ 2 ވަނަ ދުވަހު އެތަން ހުޅުވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މި ފެސިލިޓީއަށް ވެޓެރިނޭރިއަން ނުވަތަ ޖަނަވާރުންނަށް ފަރުވާދިނުމަށް ޚާއްސަ ޑޮކްޓަރަކާއި އެކަމަށް ޚާއްސަ ދެ ނަރުހުން ހޯދުމަށް އިއުލާންކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ވާގޮތުން ވެޓެރިނަރީ ޑޮކްޓަރުގެ މުސާރައަކީ 35،000 ރުފިޔާ އަދި ވެޓެރިނަރީ ނަރުހުންގެ އަސާސީ މުސާރައަކީ 8،130 ރުފިޔާއެވެ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 100 ރުފިޔާ ކަނޑައަޅާފައިވާއިރު، އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ، މުސާރައިގެ 35 ޕަސެންޓް ލިބޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި ފެސިލިޓީން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި އާންމު ޗެކަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަނަށް އެހީތެރިވުމާއި ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުން، ކާންދިނުމާއި، ބޭސްއެޅުން ހިމެނެއެވެ. އަދި އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި އެ ނޫން ވެސް ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ކުރުމުގެ އިތުރުން، އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުން ހިމެނެއެވެ.

މާލެ ސިޓި ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ކެޓް ޝެލްޓަރ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުޅާތައް ތިބޭނެ ތަނެއް ޤާއިމް ކުރިނަމަވެސް، ފަހުން ވެޓް ކްލިނިކެއްވެސް ޤާއިމްކުރެވި، ބުޅަލުގެ އިތުރުން އޮޅުކޮށްގެން ގެންގުޅޭ އެހެން ދިރޭތަކެއްޗަށް ފަރުވާ ދެވޭނެ އިންތިޒާމުވެސް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.