ޚަބަރު

ރާއްޖޭގެ އަމާޒު ތިމާވެށްޓާ ރައްޓެހި ހަކަތައަށް


  • މިހާރު ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ތެރެއިން 4 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަ

  • ސަރުކާރުގެ އަމާޒަކީ މިހާރު ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން

ދިވެހިރާއްޖެއަކީ ހަކަތަ އުފެއްދުމަށް ގޮންޖެހުން އެންމެ ބޮޑު އެއް ޤައުމެވެ. އެހެނީ ދުރުގައިވާ ރަށްތަކެއްގެ މައްޗަށް ރާއްޖެ ގުދުރަތީގޮތުން އުފެދިފައިވުމުގެ ސަބަބުން ކޮންމެ ރަށެއްގައިވެސް ހަކަތަ އުފެއްދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ކުރަންޖެހޭ މަސައްކަތް އިތުރުވުމަކީ ދިމާވާ އެންމެ ބޮޑު އެއް ދައްޗެވެ. މި ގޮންޖެހުމާއެކުވެސް ރާއްޖެއިން ދަނީ ހަކަތައިގެ ދާއިރާއިން ކުރިއެރުންތަކެއް ހާސިލުކުރަމުންނެވެ.

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ހަކަތައިގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.

ރާއްޖޭގެ ރަށްރަށުގައި ހަކަތަ އުފެއްދުމަށް މަސައްކަތްކުރާ މައިގަނޑު ދެ ކުންފުންޏަކީ ސްޓެލްކޯއާއި ފެނަކަ ކޯޕަރޭޝަނެވެ. ރައްޔިތުންނަށް ބޭނުންވާ ކަރަންޓު މެދު ނުކެނޑި ފޯރުކޮށްދިނުމަށް އެ ދެކުންފުނިން ސަރުކާރާ ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މާލެ ސަރަޙައްދު ހިމެނޭހެން ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ޚިދުމަތް ދެމުން އަންނައިރު 154 ރަށަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ފެނަކައިންނެވެ.

ރަށްރަށުގައި ކުދި ކުދި ޖަނަރަޓަރު ބަހައްޓައިގެން ދުވާލުގެ 8 ގަޑިއިރު ނުވަތަ 12 ގަޑިއިރު ކަރަންޓު ދެމުންދިޔަ ދުވަސްތައް މިހާރުވަނީ މާޒީއަށް ވެގެންގޮސްފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރު ކަރަންޓު ޔަގީންވެގެންދިޔައީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް ހުރިހާ ރަށެއްގެ ކަރަންޓުގެ ހާލަތު އަދިވެސް އޮތީ އެންމެ ރަނގަޅު ފެންވަރުގައެއް ނޫނެވެ. ކަރަންޓު ކެނޑޭ އެތައް ސަބަބުތަކެއް ކުރިމަތިވެއެވެ.

ހަކަތަ އުފެއްދުމަށް އެންމެ އަގުބޮޑު ނިޒާމު

ހަކަތަ އުފެއްދުމަށް ރާއްޖެއިން ބޭނުންކުރަނީ މުޅި ދުނިޔޭގައިވެސް އެންމެ އަގު ބޮޑު ނިޒާމެވެ. އެއީ ތެޔޮ އަންދައިގެން ހަކަތަ އުފެއްދުމެވެ. އެއީ ތިމާވެށީގެ ގޮތުން ބެލިޔަސް އެންމެ ރައްކާތެރި ނޫން ނިޒާމެވެ. ޑީސަލް އަންދައިގެން ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރާ ހޭދަ އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހޭދަކުރަނީ ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ގަތުމަށެވެ. މިއަހަރުގެ ފުރަަތަމަ ކުއާޓަރުގައިވެސް ތެލަށް ކުރި ޚަރަދު 65 މިލިއަން ޑޮލަރަށް އަރައެވެ. އަދި އަހަރަކު ގާތްގަނޑަކަށް 750 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކުރެއެވެ

އެހެންކަމުން މިކަމަށްކުރާ ޚަރަދު ކުޑަ އަދި ތިމާވެށްޓަށް އެންމެ ރައްޓެހި ހަކަތައިގެ ނިޒާމަކީ އިއާދަކުރަނިވި ހަކަތައެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 53 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކޮށްދަނީ ބޭނުންކުރަމުންނެވެ. އެއީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 4 އިންސައްތައެވެ.

ނަމަވެސް ސަރުކާރުން ވަނީ އެންމެ 10 މަސް ދުވަހުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 53 މެގަވޮޓުން، 68 މެގަވޮޓަށް އިތުރުކުރައްވާފައެވެ. މިއީީ މިހާ ކުރު މުއްދަތެއްގައި ސަރުކާރުން ހާސިލުކުރި ބޮޑު ކާމިޔާބީއެކެވެ. އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން މަގުޗާޓެއް ވަނީ އެކުލަވާލާފައެވެ. އޭގެތެރޭގައި އަވިންނާއި ވައިން ކަރަންޓް އުފެއްދުމުގެ އިތުރުން، އެހެނިހެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އިންވެސްޓްކުރުން ހިމެނެއެވެ.

ރާއްޖޭގެ އަމާޒު ތިމާވެށްޓާ ރައްޓެހި ހަކަތައަށް

ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މި 5 އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރަ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށެވެ. މިކަމަށްޓަކައި "ޢެނަރޖީ ޕޮލިސީ އެންޑް ސްޓްރެޓެޖީ 2024-2029" މިހާރުވަނީ އާންމުކޮށްފައެވެ.
އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު އިތުރު 160 ރަށެއްގައި އިޢާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމު ޤާއިމްކުރައްވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ކަރަންޓު އުފެއްދުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ އިތުރުން ކުނިން ހަކަތަ އުފެއްދުމަށް ވެސް ސަރުކާރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ އެއް ހެއްކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ޤާއިމުކޮށް ކާށިދޫގެ ފެނުގެ ނިޒާމު ހިންގަން ފަށާފައިވުމެވެ.

ބަދަލުވަމުންދާ ދުނިޔޭގެ އިޤްތިޞާދީ ޙާލަތާއެކު ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރަންޖެހެއެވެ. އެކަމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީގައި ކުނިން ހަކަތަ އުފައްދާ ނިޒާމު ވަނީ ޤާއިމްކޮށްފައެވެ. އަދި ތިލަފުށީގައި އެ ނިޒާމް ޤާއިމްކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން ދަތުރުފަތުރުގެ ނިޒާމަކީވެސް އިއާދަކުރަނިވި ހަަކަތައިން އޮޕަރޭޓްކުރާ ނިޒާމަކަށް ހެދުމަށް މަސައްކަތްކުރަމުންދާއިރު، މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ހަކަތައިގެ 35 އިންސައްތައަކީވެސް އިއާދަކުރަނިވި ހަަކަތައަށް ބަދަލުކުރުމަށްވެސް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ހަމައެހެންމެ ސަރުކާރުގެ އެންމެ އުންމީދީ މަޝްރޫޢުކަމަށްވާ ރަސްމާލެވެސް ތަރައްޤީކުރުމަށް އަމާޒު ހިފާފައިވަނީ ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ ސިޓީއެއްގެ ގޮތުގައެވެ.

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަކީ ފައިދާ ބޮޑު ވިޔަފާރިއެއްކަން ސަރުކާރުން ދަނީ ސާބިތުކޮށްދެމުންނެވެ. އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުން އޮތީ މާ ދުރުގައި ނޫންކަމަށާއި، ނަމަވެސް އެކަމަށް ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެހެންކަމުން އެފަދަ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ބައިނަލްއަޤްވާމީ މައިދާނަށް ގޮވާލައްވާފައެވެ.

މިމަސައްކަތް ކުރަމުންދާއިރު އިޔާދަކުރަނިވި ހަކަތައިގެ އިތުރު މަޝްރޫޢުތައްވެސް ކުރިއަށްއެބަދެއެވެ. ހަކަތައާއި ބެހޭ ވުޒާއިން ބޭރުގެ އެހީއާއެކު މިހާރުވަނީ ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ސޯލާ ކަނޑުގައި ހަރުކޮށްގެން ހަކަތަ އުފެއްދުމުގެ އިތުރުން ވިންޑް ފަރމްތައް ހަރުކޮށް ވައިން ހަކަތަ އުފެއްދުމަށް މިހާރު އޮތީ ދިރާސާ މަރުޙަލާގައެވެ. އަދި ކަނޑުގެ އޮއި ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށްޓަކައި ދިރާސާކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. ހަމައެއާއެކު ކުނިން ހަކަތަ އުފެއްދުމަށްވެސް ސަރުކާރުން މިހާރުދަނީ ތައްޔާރުވަމުންނެވެ.

މީގެކުރިން ދޫކޮށްލެވިފައި އޮތް ސިނާޢަތެއްނަމަވެސް ޚާއްސަ މަގުޗާޓުތައް އެކުލަވާލައިގެން މަސައްކަތް ކުރަން ފެށުމުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ސިނާޢަތާމެދު އޮތް ޔަގީންކަން އިތުރުވެ މިދައިރާއަށް ފާޤަތި މުސްތަޤުބަލެއް ލިބިގެންދާނެކަމުގެ އުއްމީދު މިދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އިދާރާއެއްގެވެސް އެބައޮތެވެ.