ޚަބަރު

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ހަދަނީ


  • ދިރާސާ ކުރިއަށް ގެންދާނެ ގޮތަކާމެދު ޔޫއެންއޯޑީސީއާއެކު މަޝްވަރާތައް ފަށައިފި

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހެން ވިދާޅުވީ އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރުމަށް ނެޝަނަލް ޑްރަގް ކައުންސިލުން އެންޑީއޭއަށް އަންގާފައިވާ ކަމަށެވެ.

"ނެޝަނަލް ޑްރަގް ކައުންސިލުން އެންޑީއޭއަށް އަންގާފައިވޭ މި ދިރާސާ ކުރުމަށް. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އެ ދިރާސާގެ މަސައްކަތް ކުރިއަށްދާނެ" ރާޝިދު ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ފާއިތުވި 5 އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޭސް ކުރި މީހުންގެ އަދަދުތައް ފުލުހުން މެދުވެރިކޮށް ނަގާ، ކައުންސިލްތަކުން ވެސް މައުލޫމާތު ހޯދަން ފަށާފައިވާކަމަށެވެ.

ލުބްނާ ވިދާޅުވީ މި ދިރާސާ ކުރިއަށް ގެންދާނެ ގޮތަކާމެދު ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނެޝަނަލް ޑްރަގް ދިރާސާއެއް ރާއްޖޭގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ. ރާއްޖޭގައި ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތި މައްސަލަ ހިނގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.