މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން ފަރުވާދޭން ފުލުހުންނަށް ފެންނަ މީހުން ފާހަގަކޮށް އެމީހުން ރިމާންޑް ސެންޓަރަށް ގެންދާނެ ކަމަށެވެ.
ނާހިދު ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103ވަނަ މާއްދާއަކީ މީގެ ކުރިން އެއްވެސް ވަރަކަށް ބޭނުންކުރެވިފައި ނުވާ މާއްދާއެއް ކަމަށާއި މިމާއްދާގެ ދަށުން މަސްތުވާތަކެތީގައި ފަރުވާދޭންޖެހޭ މީހެއްކަމަށް ފުލުހުންނަށް ފެންނަ މީހުންނަށް ފަރުވާދިނުމުގެ މަގު ފަހިވެފައިވާކަމަށެވެ.
ނާހިދު އިތުރަށް ވިދާޅުވީ މި އޮޕަރޭޝަން އޮކްޓޯބަރު 9 ވަނަ ދުވަހު ފަށާފައިވާއިރު މިހާތަނަށް 14 މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ރިމާންޑް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
"މި އޮޕަރޭޝަންގެ ދަށުން، މަގުމަތީ ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް ރިމާންޑް ސެންޓަރުތަކަށް ގެންދާނެ" ނާހިދު ވިދާޅުވިއެވެ.
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ވަނީ ޤާއިމުކޮށްފައެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ ރިމާންޑް ސެންޓަރުތަކާއެކު ގިނަ ހައްލުތައް ލިބޭނެކަމަށެވެ. އަދި މުޖުތަމައުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ކުށްކުރާ މީހުން ހުއްޓުވުމަކީ އަމާޒެއްކަމަށް ލުބުނާ ވިދާޅުވިއެވެ.
"ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ އޮޕަރޭޝަންތައް އެންމެ ފުރަތަމަ ކުޑަކޮށް ފެށިނަމަވެސް ޖުލައިގައި މީހުން ނަގާ، ހުޅުމާލޭގެ ސެންޓަރުގެ ޚިދުމަތް މިހާރު ވަނީ ފަށާފައި" ލުބްނާ ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ ނިޒާމު ބަދަލުކޮށް، ފަރުވާގެ ނިޒާމު ހަރުދަނާ ގޮތެއްގައި މަރުކަޒުގައި މިހާރު ހިންގަމުންދާކަމަށް އެންޑީއޭއިން ފާހަގަކުރައްވައެވެ.