ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމްޕީއެލް އިން އެއްމިލިއަން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފިއެވެ.
މިއަހަރުގެ ޖޫން މަހު 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.
ރައީސްގެ ވައުދުފުޅާއި އެއްގޮތަށް 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން އެއްމިލިއަން ގަސް އިންދަން އެމްޕީއެލްއިން ރަސްމީކޮށް ފެށީ ތިލަފުށީގައެވެ. މި މި ހަރަކާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރާއި އެ ކުންފުނީގެ ސީއީއޯގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.
މިހަރަކާތުގެ ތެރެއިން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވަނީ "ގަސް އިންދުމުގެ ޕްލެޖް" ގައި ސޮއިކުރައްވާފައެވެ. އެއަށްފަހު ޕްލެޖް ވަނީ ވަޒީރާ ހަވާލުކުރައްވާފައެވެ.
މިހަރަކާތުގެ ތެރެއިން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވީ އެމްޕީއެލް ފަދަ ކުންފުންޏަކުން މި މަސައްކަތާއި ބައިވެރިވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށެވެ. އަދި މިހާތަނަށް ރައީސްގެ ވައުދުފުޅު ހާސިލްކުރެއްވުމަށް ވައުދުވި ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ގަސް އިންދުމަށް ވައުދުވެފައިވަނީ އެމްޕީއެލްއިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމްޕީއެލްއިން މުވައްޒަފުން ކުރައްވާ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭގެ ތެރެއިން ގިނަ މަސައްކަތަކީ ކަރަންޓު ސާމާނު ބޭނުންކޮށްގެން ކުރާ މަސައްކަތްތައް ކަމަށެވެ. އެހެންކަމުން ކަރަންޓް ޚަރަދު ކުޑަކުރުމަށް ވަޒީރު ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ މަސައްކަތް އެމްޕީއެލްއިން ފެށުމަށް އެދިވަޑައިގެންނެވިއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވީ ރައީސްގެ ވައުދުފުޅާއެއްގޮތަށް ފަސް މިލިއަން އިންދުމުގެ ޕްރޮގްރާމުގެ ދަށުން ފަސް އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އެމްޕީއެލްއިން އިންދާނެކަމަށެވެ. އަދި އެކުންފުނިން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ކްލަބާއި ޖަމިއްޔާތަކާއި ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށާއި މިކަމަށް ވަކި ޓާސްކްފޯހެއް އެކުލަވާލައްވާނެކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ ގިނަ ގަސްތައް އިންދުމަށް އެމްޕީއެލްއިން އިސްކަންދެއްވާނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށްފަހު އެމްޕީއެލްއިން ތިލަފުށީގައި ޤާއިމުކުރާ ވަގުތީ މިސްކިތުގެ ބިންގާވެސް ވަނީ އަޅާފައެވެ.