އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި އެސެޓް ރިކަވަރީ ބިލް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކުށްކޮށްގެން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމާއި ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހާމަކުރެއްވީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް ކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާ މަޝްވަރާ ކުރެއްވި ކަމަށާއި އެސެޓް ރިކަވަރީ ކޮމިޝަނުން އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް އޭރުވެސް ކުރައްވަމުން ގެންދެވިކަމަށެވެ. އެހެންކަމުން އުންމީދު ކުރެއްވީ އެ ބިލް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެކަމަށާއި އެހެންނަމަވެސް އޭސީސީން އެ ބިލް އަދިވެސް ބަންޑާރައިބުގެ އޮފީހަށް ފޮނުވާފައި ނުވާކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެ ބިލް މިހާތަނަށްވެސް ލިބިފައިނުވާތީ ދެން ޤަސްތުކުރައްވަނީ ސީދާ އެ އޮފީހުން އެސެޓް ރިކަވަރީގެ ބިލެއް ޑްރާފްޓްކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަމަށެވެ.
"އޭސީސީއާއެކު މަސައްކަތް ކޮށްގެން އެސެޓް ރިކަވަރީ ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރިއެރުމެއް ނުލިބުނު. އެހެންނަމަވެސް ސަރުކާރުން ކުރަން ބޭނުންވާކަމެއް އެއީ ނުއަގުގައި ދީފައި ހުރި އެސެޓްތަކުގެ ހަމައަގުތައް ހޯދުމަކީ. ބަންޑާރަނައިބުގެ އޮފީހުން ބިލްގެ މަސައްކަތް ފައްޓައިގެން ކުރަމުން މިދަނީ. އުންމީދުކުރަނީ މި ދައުރަށް ބިލް ހުށަނޭޅުނަސް މަޖިލީހުގެ އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި ބިލް ހުށަހެޅޭނެކަމަށް" ބަންޑާރަނައިބު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި އެއް ބިލިއަނެއްހާ ރުފިޔާގެ އެސެޓްތައް އެކި ފަރާތްތަކަށް ދީފައިވާކަމަށާއި، ނަގުދު ފައިސާގެ ގޮތުގައި އެންމެ ފަރާތަކަށް ބަދަލު ދީފައިވާއިރު ގިނައިން ބަދަލުގެ ގޮތުގައި ދީފައި ހުރީ ރަށްތަކާއި ފަޅުތައް ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ އެކަން ކުރެއްވީ ޤާނޫނާއި ޚިލާފަށްކަން. ޤާނޫނީ އިޖުރާއަތުގެ ތެރެއިން އެއްބަސްވުންތައް ބާތިލް ކުރެވޭނެ ގޮތްތައް ބަލާ، އެ މަސައްކަތް މިހާރު މިދަނީ ކުރަމުން. ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެކަން ނިމޭނެކަމަށް މި ބަލަނީ" ބަންޑާރަނައިބު ވިދާޅުވިއެވެ.
ނުއަގުގައި ދައުލަތުގެ އެސެޓްތައް އެކި ފަރާތްތަކަށް ދީފައިހުރުމުން އެތަކެއްޗަށް ހަމަ އަގު ހޯދާ އެސެޓް ރިކަވަރ ކުރުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދަވާނެކަމަށްވެސް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވިއެވެ.