ޚަބަރު

ފިހާރަކުން ވައްކަން ކުރި 3 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި


  • ވަގަށް ނެގިކަމަށް ބެލެވޭ ފައިސާ އާއި ސިނގިރޭޓް ކާރޓަންތައްވަނީ ހޯދާފައި

މާލެ ސިޓީގެ ފިހާރަކުން ވައްކަން ކުރި 3 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފިހާރައަކުން ވައްކަން ކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ އަތަމާގޭ އުމުރުން 26 އަހަރުގެ އިހުސާން އިބްރާހިމް، ގދ. ވާދޫ، ލިލީގެ އުމުރުން 46 އަހަރުގެ މުހައްމަދު ސޮބާހު އާއި ރ. އިނގުރައިދޫ ދަނބުރުއްދޮށުގޭ އުމުރުން 34 އަހަރުގެ އިބްރާހިމް މުހައްމަދު ރަޝީދުއެވެ.

ފުލުހުން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ފަތިހު 04:20 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު މާވެޔޮމަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ވައްކަން ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެކަން ފާހަގަވުމުން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލާ ދެނެގަނެ ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ 3 މީހުން ހޯދާ އެމީހުން ހައްޔަރުކުރިކަމަށެވެ.

ފުލުހުން ވިދާޅުވީ އެމީހުން ވަގަށް ނެގިކަމަށް ބެލެވޭ ފައިސާ އާއި ސިނގިރޭޓް ކާރޓަންތަކެއް ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިހުސާން އިބްރާހިމް 30 ދުވަހަށް އަދި އަނެއް ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުޤީޤުކުރަމުންނެވެ.