އާޓިފިޝަލް އިންޓެލިޖެންސްގެ ފަންނިއްޔާތާ ގުޅޭ ޤާނޫނީ ފްރޭމްވަރކެއްވެސް ހިމެނޭގޮތަށް މާސްޓަރޕްލޭނެއް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުއެވެ.
އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ ޤާނޫނީ ފްރޭމްވަރކެއް ހިމެނޭގޮތަށް މާސްޓަރޕްލޭނެއް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ޙާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި، އެޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ޤާނޫނީ ފްރޭމްވަރކެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ޤައުމުތަކުން ޢަމަލުކުރަމުންދާ ގޮތްތައްވެސް ބައްލަވައި މާސްޓަރޕްލޭނެއް އެކުލަވާލެއްވުމަށް ނިންމަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވާލެއްވުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފައިވާކަމަށެވެ.