ޚަބަރު

ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށައިފި


  • މި ޕޯސްޓް ހުޅުވައިދެއްވީ ސީޕީ ޝުޖާޢު

  • ކުށްމަދު މުޖުތަމަޢުއަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭކަން ސީޕީ ފާހަގަކުރެއްވި

ބ. ދޮންފަނު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ފުލުހުން ގާއިމުވެތިބެ އެ ރަށުގައި ޚިދުމަތްދޭން ފަށައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް އަޙްމަދު އިރުޝާދުއެވެ. ޕޮލިސް ޕޯސްޓުގައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. އަދި ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އަޙްމަދު އިރުޝާދުއެވެ.

ޕޮލިސް ޕޯސްޓު ހުޅުވަން ދޮންފަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ، ދޮންފަނު ރައްޔިތުންގެ ހަޔާތުގައި މިއަދަކީ ވަރަށް ތާރީޚީ އަދި އެހާމެ އުފާވެރި ދުވަހެއްކަމަށެވެ. އެރަށުގައި ހުޅުވިގެންދިޔަ މި ޕޮލިސް ޕޯސްޓާއެކު، ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށްވެސް އަމާންކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމައެއާއެކު ޒަމާނީ ޓެކްނޮލޮޖީއާއެކު ސައިބަރ ސްޕޭސްގައި ފެތުރެމުންދާ ކުށްތަކާއި ސްކޭމް މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ގާއިމުވެގެން ދިއުމާއެކު ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން، ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުމާއި އެފަދަ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވިއެވެ.

ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލާއި ދޮންފަނު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.