ޚަބަރު

އަންނަ ދިރާސީ އަހަރު ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފި


  • 15 ނޮވެމްބަރުގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ

  • ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެ

  • އޮންލައިން ފޯމް އެ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެ

އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ތައުލީމީ ވުޒާރާއިން ހުޅުވާލައިފިއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ރަށްރަށުގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިކަމަށާފައިވާކަމަށެވެ. މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށްކަމަށާއި އޮންލައިން ފޯމް އެ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދުން ފެށިގެން 15 ނޮވެންބަރު 2024 ވަނަ ދުވަހާ ހަމައަށްކަމަށާއި ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް ނިންމާފައިވާކަމަށެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް ތައުލީމީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިނގަމުންމިދާ ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި ދަނީ އެއް ދަންފަޅިއަށް ކިޔަވައިދެމުންނެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދެމުންދަނީ 55 ސްކޫލެއްގައެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެއެވެ.

އަދި މި އަހަރުގައި 96000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާއިރު އޭގެތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާއި 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. އެގޮތުން 26000 އެއްހާ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދަނީ މާލޭގެ ސްކޫލްތަކުގައެވެ.

މި ހިނގާ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއާ ދަރިވަރުން ބައްދަލުކުރާނީ 2025ވަނަ އަހަރުގެ މަރޗް މަހުގެ 6 ވަނަ ދުވަހުއެވެ. މިފަހަރުގެ ބޮޑު ޗުއްޓީ ދިމާވާނީ އަންނަ ރަމަޟާން މަހާއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ކުރިންވެސް އޮންނަ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށެވެ. މިހާރު އޮންނަގޮތަށް އަހަރުގެމެދުތެރެއަށް ދިރާސީ އަހަރު ފެށުން ބަދަލުކުރީ، ކޯވީޑް 19އާއި ގުޅިގެންނެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ ގިނަ ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވަނީ ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށަންކަމަށް ވިދާޅުވެފައެވެ.

މިގޮތުން ތަޢުލީމީ ވުޒާރާއިން މިހާރު އެކެޑެމިކް ކަލަންޑަރ އެކުލަވާލާފައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ބަދަލުކުރެވޭނީ 2026 ވަނަ އަހަރުއެވެ.