ޚަބަރު

ފެން ބޭނުންކޮށްގެން ގަސް ހައްދާ ހައިޑްރޯޕޮނިކްސް ނިޒާމެއް ހަނިމާދޫ ސްކޫލްގައި ޤާއިމްކޮށްފި


  • ހަނިމާދޫ ސްކޫލްގައި ގްރީންހައުސްއެއްވެސް ޤާއިމްކޮށްފައިވޭ

  • ހައިޑްރޯޕޮނިކްސް ނިޒާމުގައި އެކި ބާވަތްތަކުގެ މޭވާ ހެއްދޭނެ

ދަރިވަރުންގެ މެދުގައި ޝައުޤު އުފެއްދުމަށް ފެން ބޭނުންކޮށްގެން ގަސް ހައްދާ ހައިޑްރޯޕޮނިކްސް ނިޒާމެއް ހަނިމާދޫ ސްކޫލްގައި ޤާއިމްކޮށްފިއެވެ.

ހައިޑްރޯޕޮނިކްސް ނިޒާމެއް ހަނިމާދޫ ސްކޫލްގައި ޤާއިމްކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިންނެވެ. މިއީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ވުޒާރާއިން ކުރިއަށްގެންދިޔަ ޕްރޮގުރާމެކެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހައިޑްރޯޕޮނިކްސް ނިޒާމެއް ޤާއިމްކުރުމުގެ މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމަށް ލޯބި އުފައްދައި، ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ޙާޞިލްކުރެވޭނެ ގޮތަށް ގްރީންހައުސްއެއްވެސް ހަނިމާދޫ ސްކޫލްގައި ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި ހައިޑްރޮޕޯނިކްސް ނިޒާމު ޤާއިމްކޮށްފައިވަނީ ގްރީންހައުސްގައި ކަމަށާއި ފަތްޕިލާވެލީގެ ބާވަތްތަކާއި ކިޔުކަންބާއާއި މެލަންފަދަ މޭވާ މި ތަނުގައި ހެއްދޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ދަރިވަރުންގެ މަދުރަސީ ޙަޔާތުގައި ވޭތުކުރާ ދުވަސްވަރު ދަނޑުވެރިކަމުގެ ތަޖުރިބާއާއި އެކަމުގެ ޢިލްމު ލިބޭނެ މަގު ފަހިކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

ހަނިމާދޫ ސްކޫލްގައި ފެން ބޭނުންކޮށްގެން ގަސް ހައްދާ ހައިޑްރޯޕޮނިކްސް ނިޒާމު ޤާއިމްކުރުމަށް ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުން ހިމެނޭހެން 50 މީހުންނާއި ކުދިން ބައިވެރިވިއެވެ.