ޚަބަރު

އެމްއެންޔޫގައި ދަނޑުވެރިކަމާ ބެހޭ ފެކަލްޓީއެއް އުފައްދަނީ


  • ޒަމާނީ ތައުލީމާއި ޓެކްނޮލޮޖީއާއި ދިރާސާގެ އަލީގައި މި ދާއިރާ ކުރިއަރުވަންޖެހޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ، އެމްއެންޔޫގައި ދަނޑުވެރިކަމާ ބެހޭ ފެކަލްޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޔޫގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ ވިދާޅުވެއްޖެއެވެ.

ޑރ. ޝައުގީ މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ، ރާއްޖެއަކީ ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގައި ފަޚުރުވެރި ޤައުމެއްކަމަށެވެ. އަދި ދަނޑުވެރިކަމާއި ކާބޯތަކެއްޗަކީ ދިވެހިންގެ ސަޤާފަތާއި ވައްޓަފާޅިއާ ގުޅިފައިވާ ކަމެއްކަމަށް ޝައުގީ ވިދާޅުވިއެވެ. އެހެން ނަމަވެސް ރާއްޖޭއަކީ ރާއްޖޭން ބޭރުން ކާބޯތަކެތި އިމްޕޯޓްކުރުމަށް ވަރަށް ބޮޑަސް ބަރޯސާވާ ޤައުމެއްކަމަށް ޝައުގީ ވިދާޅުވިއެވެ.

ޑރ. ޝައުގީ ވިދާޅުވީ، މިކަމުގެ ނުރައްކާ އެންމެ ބޮޑަށް ތަޖުރިބާ ކުރެވުނީ ކޯވިޑް-19ގެ ދުވަސްވަރުކަމަށެވެ. އެ ދުވަސްވަރު ޤައުމުތަކުގެ ބޯޑަރުތައް ބަންދުވެ، އިޤްތިޞާދީގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، މުޅި ދުނިޔެ ލޮކްޑައުނަކަށް ދިޔަކަން ޗާންސެލަރ ފާހަގަކުރެއްވިއެވެ. މި ދުވަސްވަރު މީހުން ކާބޯތަކެތި ލިބުމުގެ ދަތިކަން އިންތިހާއަށް ކުރިމަތި ވެދާނެކަމަށް ބަލާ ދަނޑުހައްދަން ފެށިކަމަށް ޝައުގީ ވިދާޅުވިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ދަނޑުވެރިންނަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ ދަފްތަރަށް އިޝާރާތްކުރައްވާ ޗާންސެލަރ ވިދާޅުވީ، އެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި ޒުވާނުންގެ ނިސްބަތް ވަރަށް މަދުކަމަށެވެ.

އެހެންކަމުން މި ދާއިރާއިން މީހުން ބިނާކުރުމަށް ހުރި ފުރުޞަތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެމްއެންޔޫގައި ދަނޑުވެރިކަމާ ބެހޭ ފެކަލްޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޗާންސެލަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޔުނިވަރސިޓީން މި އަހަރު ދަނޑުވެރިކަމާ ބެހޭ ފެކަލްޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިން. ފެކަލްޓީއެއް އަވަހަށް ވުޖޫދުވެގެން ނައިކަމުގައިވިއަސް ޕޮލްޓްރީ ފާރމިން މަޝްރޫޢަށް ކަލެކްޓިވް ކޯސްތައް އަދި އިތުރު ކޯސްތައް މާލެ އަދި ލ. އަތޮޅުގައި ވަނީ ފެށިފައި. އަޅުގަނޑުމެން މަސައްކަތް ކުރަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ގުޅިގެން އެމްއޯޔޫއެއްގައި ސޮއިކޮށްގެން މަސައްކަތް ކުރުމަށް." ޝައުގީ ވިދާޅުވިއެވެ.

އެމްއެންޔޫގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ، އަމާޒަކީ ޒަމާނީ، ތަޢުލީމީ، ޓެކްނޮލޮޖީގެ ދިރާސާގެ އަލީގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ރާއްޖޭއިން ބޭރުން ކާބޯތަކެތި އިމްޕޯޓްކުރާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެމްއެންޔޫއިން ކޮށްދެވެން ހުރި މަސައްކަތްކޮށްދީ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުންކަމަށެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދެކެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި ފައިދާހުރި ކާނާ، ކާނާގެ ޔަޤީންކަން، ކާނާގެ ރައްކާތެރިކަން، ހަލާކުވެގެން އުކާލެވޭ ކާބޯތަކެތި މަދުކުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ފަދަ މިއަހަރުގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ޝިޢާރާއި ގުޅުންހުރި މަޢުޟޫތައް ހިމެނެއެވެ.