ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަން، ވުޒާރާގެ ޓީމްތައް ރަށްރަށަށް ޒިޔާރަތްކުރާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށް ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާއިރު ވަރަށް ގިނަ ކަންކަމަށް އަލިއަޅުވާލެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޤުދުރަތީ ވަޞީލަތްހުރި މިންވަރާއި ބޭނުންކުރެވޭނެ ގޮތްތަކާއި ޤުދުރަތީ ވަޞީލަތް ހިމާޔަތްކޮށް، ދެމެހެއްޓޭނެ ގޮތްތަކާ ބެހޭގޮތުން ޕްލޭންގައި ހިމެނޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭން ހަދާއިރު ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ އާބާދީއާއި ދިވެހިންގެ ދިރިއުޅުމުގެ ޙާލަތުވެސް ދެނެގަނެވޭނެ ކަމަށެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާއިރު އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ ބައިވެރިވުމާއެކު ޕްލޭން އެކުލަވާލުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާ އިންޓަވިއުކޮށްގެން މަޢުލޫމާތު އެއް ކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދިއުމަށް ރައްޔިތުން ބޭނުންވާ މިޞްރާބު ދެނެގަންނަންޖެހޭ. ހުރިހާ ރަށެއްގެ ރައްޔިތުންގެ ބައިވެރި ހޯދައިގެން ނޫނީ މި ޕްލޭން އެކުލަވާނުލެވޭނެ. މި ޕްލޭން ތައްޔާރުވާނީ ރައްޔިތުން ބައިވެރިވާ ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި." ވަޒީރު ވިދާޅުވިއެވެ.
20 އަހަރު ދުވަހަށް އަމާޒުކޮށްގެން ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތް ފެށުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވެވި ޕޯސްޓުގައި މި ޕްލޭން ވާނީ ޤައުމިއްޔަތުގެ ވިސްނުމުގައި ޤައުމުގެ ކުރިމަގު ހިމާޔަތްކޮށް ބިނާކުރުމުގެ ވިސްނުމުގައިކުރާ މަސައްކަތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އަދި މި ޕްލޭން ވާނީ އެންމެންގެ ކުރިއެރުމަށް، ދަރިންގެ މުސްތަޤްބަލަށްކުރާ ވަރަށް މުހިންމު މަސައްކަތަކަށް ކަމަށާއި ޕްލޭން ހަދާނީ ރައްޔިތުންގެ ބައިވެރިވުމާއެކުކަމަށް ރައީސްވެސް ވަނީ ވިދާޅުވެފައެވެ.