ޚަބަރު

މެކޭނިކަލް ޕާކިންގ ސިސްޓަމްތައް އާންމުންނަށް ބޭނުންކުރެވޭގޮތް ހަދަނީ


  • އުޞޫލާއި އަގުތައް ވަރަށް އަވަހަށް އާންމުކުރާނެ

  • ހުޅުމާލޭގައި 8 މެކޭނިކަލް ޕާކިންގ ސިސްޓަމެއް ހަދާފައިވޭ

  • އެއީ ގާތްގަނޑަކަށް 255 އުޅަނދު ޕާކުކުރެވޭނެ ޖާގަ

ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް އާންމުންނަށް ބޭނުންކުރެވޭގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއީ މާލެފަހި ޕްރޮގްރާމްގެ ދަށުން، މާލޭގެ ޕާކިންގގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި މެކޭނިކަލް ޕާކިންގ ސިސްޓަމްތަކެއް ޤާއިމުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މިފަދަ 8 ސިސްޓަމެއް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާއިރު އެއީ ގާތްގަނޑަކަށް 255 އުޅަނދަކަށް ޕާކުކުރެވޭނެ ޖާގައެވެ. އެހެންނަމަވެސް މިއިން އެއްވެސް ތަނެއް މިއަދާ ހަމައަށް އައިއިރުވެސް އެއްވެސް ވަރަކަށް ބޭނުންނުކުރާކަމީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި މިތަންތަން މިހާރު މިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފޭސް އެކެއްގައި ހުރި މި ސިސްޓަމްތައް ހުޅުމާލޭ ފޭސް 2 އަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން ދަތުރުފަތުރާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. އަދި މިތަންތަން އާންމުންނަށް ދޫކުރާނީ ވަރަށް ކުޑަ އަގެއްގައިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޕްރޮޖެކްޓް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާއިރު، މިއީ ސަރުކާރުގެ ކުންފުނިތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދެވޭނެ މަސައްކަތެއްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިކަމުގެ ސަބަބުން، މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގެ އަދަދު މަދުވެ، މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެއެވެ. އަދި މި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުޞޫލުތަކާއި، އަގުތައްވެސް ކައިރި މުސްތަޤުބަލެއްގައި އާންމުކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލަ ހައްލުކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާއިރު، ހުޅުމާލެއިން ވަގުތީ ޕާކިން ޒޯންގެ ގޮތުގައި 2 ބިމެއް މިހާރުވެސް އަންނަނީ ބޭނުންކުރަމުންނެވެ. މި ދެ ބިމަކީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ހުރި ބިންތަކެކެވެ.

ހުޅުމާލޭ ފޭސް 2 ގެ އެމްޕީއެލް ފްލެޓްތައް ހިމެނޭ ސަރަހައްދުން ކަނޑައަޅާފައިވާ ބިން ޚާއްސަކޮށްފައިވަނީ މާލެ ސަރަހައްދުގައި ހުރި އެހެނިހެން ޒޯންތަކަށް ނިސްބަތްވާ ވެހިކަލްތަކާއި، ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައިވާ ވެހިކަލްތައް ޕާކުކުރުމަށެވެ. މި ބިމުގައި މިހާރު ޖުމްލަ 300 އަށްވުރެ ގިނަ ވެހިކަލް ޕާކްކޮށްފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަނެއް ބިމަކީ ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ޚާއްސަކޮށްގެން ހުޅުމާލޭ ފޭސް 1 ގެ ފުލުހުންގެ ފްލެޓްތައް ހިމެނޭ ސަރަހައްދުން ހަމަޖައްސާފައިވާ ބިމެކެވެ. 90،000 އަކަފޫޓުގެ މި ބިމުގެ 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައްފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށެވެ.

މި ބިންތައް ބޭނުންކުރަން ފަށާފައިވަނީ މަގުމަތީގައި ޕާކުކުރުމުން މަގުތައް ތޮއްޖެހުން ކުޑަކުރުމަށާއި އަދި އެގޮތަށް ޕާކުކުރުމުން އުޅަނދުގެ ވެރިފަރާތްތައް ޖޫރިމަނާއިން ސަލާމަތްކުރުމަށްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.