ޝަރީޢަތެއް ފަސްކޮށްދިނުމަށް އެ އޮފީހުން ކޯޓުގައި އެދޭނީ އެ މައްސަލައެއްގެ ޙުކުމާ ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް ވަނީ މި ފާއިތުވި 3 ހަފުތާގެ ތެރޭގައި ގިނަ ބައެއްގެ ފަރާތުން އެކި ވަސީލަތްތައް މެދުވެރިކޮށް ޝަކުވާތައް ލިބެމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ޝަކުވާތައް ބެލުމަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ޕީޖީ އޮފީހުގެ ވެބްސައިޓާއި އެކި ގޮފިތަކުގައި މިހާރު ޤާއިމުކޮށް، ޝަކުވާ ހުށަހެޅުމަށް 20 ދުވަހުގެ ފުރުސަތެއް ވަނީ ހުޅުވާލާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އެ އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދަޢުވާތަކާއި، އިސްތިޢުނާފްކޮށް ހިނގަމުންދާ އިސްތިޢުނާފްތަކާއި މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމާގުޅޭ ގޮތުން 1 އޮކްޓޯބަރ 2024 އިން ފެށިގެން 20 ދުވަހުގެ މުއްދަތަށް ޝަކުވާ ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާ ނިންމެވުމާ ގުޅޭ ޝަކުވާ ހުށަހަޅާފަރާތް ތަކުން ހުށަހަޅާ ހުށަހެޅުންތައް މުރާޖަޢާ ކޮށް، އެންމެ އަވަސްމިނުގައި ގޮތެއް ނިންމުމަށް މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބަންދުގެ ޙާލަތަކަށް ބަދަލު ގެނެވިދާނެ ކަމަށް އެ އޮފީހަށް ފެންނަ މައްސަލަތައް ބަންދު މުރާޖަޢާ ކުރުމަށްޓަކައި ކޯޓުގެ ސަމާލުކަމަށް ގެންދެވޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އެ އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދަޢުވާތަކާއި އިސްތިޢުނާފަކާ ބެހޭ ޝަކުވާއަކާ ގުޅިގެން ހިނގަމުންދާ ޝަރީޢަތެއް ފަސްކޮށްދިނުމަށް ކޯޓުގައި އެދޭނީ އެ މައްސަލައެއްގެ ޙުކުމާ ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނި ކަމަށެވެ.
ޕީޖީ އޮފީހަށް އާންމުކޮށް ލިބެނީ ކުރިން ކޮށްފައިވާ ދައުވާތަކާ ގުޅުންހުރި ޝަކުވާތައްކަން އެ އޮފީހުން ފާހަގަކުރިއެވެ. އަދި މައްސަލަތައް ލަސްވުމާއި ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި ލުއި ހޯދަން މީހުން އެދެމުންދާކަމަށްވެސް ވިދާޅުވިއެވެ.
މި ޝަކުވާތައް ހުށަހަޅާއިރު ޝަކުވާ ބަލަންވީ ސަބަބު ސާފުކޮށް ބަޔާންކުރަންޖެހޭނެކަން ފާހަގަކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވީ، އެ ޝަކުވާތަކާ ގުޅިގެން އެއްވެސް ނިންމުމެއް ބަދަލުކުރައްވާނަމަ ސަބަބުތައް އާންމުކޮށް ހިއްސާކުރައްވާނެ ކަމަށެވެ. އަދި އަމިއްލަފުޅަށް އެއްވެސް މައްސަލައެއް ރިވިއު ނުކުރައްވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ވަނީ އެ އޮފީހުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.