ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 16 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 12:00 އާ ހަމައަށް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 16 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 12:00 އާ ހަމައަށެވެ. ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަޤާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލީ އެ މަޤާމުގައި މިހާރު ހުންނެވި އަސްމާ ޝަފީއުގެ ދައުރު ހަމަވާތީއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ އައްޔަން ކުރެއްވީ 2019 އަހަރުގައެވެ.

އަސްމާ ޝަފީއު ވަނީ 1999 ވަނަ އަހަރުން ފެށިގެން އޮޑިޓާއި އެކައުންޓިންއާއި ގުޅޭ އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ. އެގޮތުން އަސްމާ ވަނީ މީގެކުރިން މީރާގެ ޑިރެކްޓަރ ޖެނެރަލް، ޕްލޭނިން އެންޑް ޑިވެލޮޕްމަންޓުގެ މަޤާމު އަދާކުރައްވާފައެވެ.