ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބިން ވިއްކަން ހުޅުވާލައިފި


  • ބިން ދޫކުރަނީ އިންޓަގްރޭޓަޑް ހަބްގެ ގޮތުގައި ތަރައްޤީކުރާ ސަރަހައްދުން

ހުޅުމާލެ ފޭސް 2އިން ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ހުޅުވާލައިފިއެވެ.

އެޗް.ޑީ.ސީއިން ވިދާޅުވީ އޮންލައިންކޮށް އެޕްލައިކުރެވޭގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލް (https://bids.hdc.mv/) ގައި ރަޖިސްޓްރީވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލާފައިވާކަމަށެވެ.

އެޗްޑީސީން ވިދާޅުވީ ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގެ އިންޓަގްރޭޓަޑް ހަބްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ކަމަށެވެ.

ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500 ރުފިޔާއެވެ. އަދި ބީލަމުގެ އުސޫލުން ބިން ވިއްކާނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

އެޗްޑީސީން ވިދާޅުވީ ބިން ވިއްކުން ކުރިއަށްދާނީ 2 މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ މަރުހަލާގައި ކުރިއަށްދާނީ ޕޯޓަލް މެދުވެރިކޮށް ޝައުޤުވެރިވާ ފަރާތްތަކުން ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް (އީއޯއައި) ހުށަހެޅުންކަމަށެވެ. އަދި ދެވަނަ މަރުހަލާގައި ކުރިއަށްދާނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާ ބިމަކަށް ބިޑް ކުރުންކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.