 
										
			ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑެއްކަމަށްވާ އަމަން ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ. 
މި ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މި ރިސޯޓް ތަރައްޤީކުރަނީ ވ. އަތޮޅުގައެވެ. 
މި ރިސޯޓްގައި 52 ކޮޓަރި ހުންނާނެއެވެ. މަތީ ފަންތީގެ ރެޒިޑެންސްތައް ހިމެނޭހެން 16 ފަރުމާއެއްގެ ތަންތަން މި ރިސޯޓުގައި ހުންނާނެއެވެ. މި ތަންތަން ފަރުމާކޮށްފައިވަނީ އަމަންއާއި މަޝްހޫރު ފަރުމާ ކުރާ ކުންފުނި ކެރީ ހިލް އާކިޓެކްޓްސް ގުޅިގެންނެވެ. 
މި ރިސޯޓުގައި 1 ކޮޓަރިން ފެށިގެން 3 ކޮޓަރިއާ ދެމެދުގެ ޕެވިލިއަންތަކެއް ލިބެން ހުންނާނެއެވެ. އަދި މީގެ ތެރެއިން ބައެއް ޕެވިލިއަންތަކުގައި ސުވިމިން ޕޫލްވެސް ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި ބްރޭންޑަކީ މިހާރުވެސް ދުނިޔޭގެ މަޝްހޫރު ބައެއް ސިޓީތަކުގައި ރިސޯޓް އަދި ހޮޓެލްތައް ހިންގަމުން އަންނަ ގްރޫޕެކެވެ. އޭގެތެރޭގައި ޓޯކިޔޯ، ވެނިސް، އަދި ތައިލޭންޑް ހިމެނެއެވެ.