ތިމާވެށި

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ފަރުދީ ޒިންމާއެއް


ރާއްޖޭގެ މި ނާޒުކު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ހަމަ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިއޮތް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކުމަށް އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޮޑާ ގޮވާލައްވައިފިއެވެ.

އދ. އަދި ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމެންޓް ޕްރޮގްރާމަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ޤައުމީ ތަރައްޤީގެ ވަރަށްވެސް މުހިއްމު ބައިވެރިއެކެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ބަޔާނެއްގައި، އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރ އަދި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާވަނީ ރާއްޖޭގެ މި ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. ރާއްޖޭގެ ތިމާވެއްޓަކީ، ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު، ވަރަށްވެސް ތަފާތު އަދި މުއްސަނދި ތިމާވެއްޓެއްކަން ފާހަގަކުރައްވާ، ނޯޑާ ވިދާޅުވީ، މިއީ ވަރަށް ނާޒުކު ތިމާވެއްޓެއްކަން ހަނދާން ކުރަންޖެހޭކަމަށެވެ. ނޯޑާ ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއްކަމަށެވެ. އަދި، ރާއްޖޭ ތިމާވެށި ރައްކާތެރިކުރަން އަޅާ ކޮންމެ ފިޔަވަޅެއްގެ ހެޔޮ ނަފާ، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް ކުރާކަމަށެވެ. އަދި، މިއީ މޫސުމީ ބަދަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރެއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ނޯޑާގެ މެސެޖް ނިންމަވާލެއްވީ، މިއަދަކީ، ތިމާވެށިން ލިބޭ ނިޢުމަތްތަކާއި ނަފާގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަންކުރަންވީ ދުވަސްކަމަށް ވިދާޅުވަމުންނެވެ. އަދި، އަޅުގަނޑުމެންގެ ރައްކާތެރިކަމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމަށް އެންމެ އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.

ފާއިތުވި ތިރީސް އަހަރަށް ބަލާލާއިރު، ޔޫއެންޑީޕީންދަނީ ރާއްޖެއިން ފަޤީރުކަން ނައްތާލުމާއި، ޑިމޮކްރެސީ ޤާއިމްކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެ އިދާރާއަކީ، ރާއްޖޭގައި ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ މުހިއްމު އެއް ބައިވެރިއެކެވެ.