 
										
			ބަލިމީހާއަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފަރުވާދިނުމުގައި މިހާރަށްވުރެ ރައްކާތެރިވުމަށް ހުރިހާ ސިއްޙީ ޚިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން އައްޑޫ ސިޓީގައި ކުރިއަތް ގެންދިޔަ ޚާއްސަ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. 
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ މުޅި ސިއްޙީ ނިޒާމުގައި ހަރަކާތްތެރިވާ އެންމެންގެ ޝާމިލުވުން ބޭނުންވާ ކަމެއްކަމަށެވެ. އެގޮތުން ކޮންމެ މީހަކުވެސް، ކޮންމެ ވަގުތަކުވެސް މަސައްކަތް ކުރަންވާނީ ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށް ސާޖިދާ ވިދާޅުވިއެވެ. 
ސިއްޙީ ޚިދުމަތުގެ ރައްކާތެރިކަމަކީ ދިވެހިންގެ އިތުރުން ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިނަށްވެސް ލިބިދޭން ޖެހޭ ހައްޤެއްކަމަށް ސާޖިދާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ސިއްޙީ ޚިދުމަތް ދިނުމުގައި ބަލިމީހާއަށް ބޭނުންވާ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ބޭނުންވާ އުޞޫލުތަކާއި މުޅި ސިއްޙީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމާއި އަހުލުވެރިކުރުމަށް އެދިވަޑައިގަންނަވާފައެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، ބަލިމީހުންގެ ރައްކާތެރިކަމަށް އަލަށް ތަޢާރަފްކުރެވުނު އިސްތިރާޖީ ޕްލޭން ތަންފީޒުކުރުމާއި ބަލިމީހާގެ ބަލި އަވަހަށް ދެނެގަތުމާއި، ބޭސްފަރުވާގެ ކަންކަން އަވަސްކުރުމާއި، ދާއިރާގެ މުވައްޒަފުންގެ މައުލޫމާތު މުސްހަދިވެގެން ދިޔުމަކީ ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުވެގެން ދާނެކަމެއްކަމަށެވެ. 
ސާޖިދާ ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއްގެ ސިއްޙަތު ކަށަވަރުކުރުމަށްޓަކައި ސިއްޙީ ކަންކަން އިތުރަށް ހަރުދަކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށެވެ. 
"ބަލިމީހުންގެ ސަލާމަތަށްޓަކައި އައު އުސޫލުތަކާއި އައު ވަސީލަތްތައް ތަޢާރަފްކުރެވި ފުރިހަމައަށް އެކަންކަން ތަންފީޒު ކުރެވެން ފަށާ ދުވަހަކީ ދިވެހި ސިއްޙީ ދާއިރާ އައު އުސްމިންތަކަކަށް ދަތުރުކުރުން. ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ބަލިމީހާގެ ރައްކާތެރިކަން ނުވަތަ ފަރުވާގެ ސަބަބުން ގެއްލުމެއްވެނުދިނުމުގެ މަތިވެރި މަޤުޞަދު އަބަދުމެ އިސްކުރުމަށް ތި އެންމެހާ ލޮބުވެތި ސިއްޙީ ޚިދުމަތްތެރިންނަށް އިލްތިމާސްކުރަން." ސާޖިދާ ވިދާޅުވިއެވެ. 
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އިސްތިރާޖީ ޕްލޭނާއި އަދި ރާއްޖޭގެ ވެއްޓާއި ހާލަތަށް ފެތޭ ގޮތަށް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އެގޮތުން ރާއްޖޭގެ ހާލަތު ދެނެގަތުމާއި ދިވެހިންގެ ތެރޭގައި ހުރި ސިއްޙީ މައްސަލަތައް ދެނެގަތުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. 
ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން އެންމެނަށް އަނގައިދިނުމާއި އެކަމަށް ހޭލުންތެރި ކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަކުރަން ފެށުނީ 2019 ވަނަ އަހަރުއެވެ. 
މި ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ގޮތްތައް ދެނެގަތުމުގެ ގޮތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުމެއެވެ." މިއީ މި ފެންވަރުގައި މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ކޮންފަރެންސެވެ.