ޚަބަރު

ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފި


  • ހިފެހެއްޓި 3 ބިދޭސީންނަކީވެސް ފިރިހެނުން

  • މި 3 މީހުންވެސް ރާއްޖެ އެތެރެވާން މަސައްކަތްކުރީ ވަކިވަކިން

ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުއްޓުވާފައިވާ ކަމަށެވެ.

އެ ތިން ބިދޭސީންނަކީ ވެސް ފިރިހެނުންނެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެކެވެ. އަދި އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވަނީ ވަކިވަކިންނެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، 25 އަހަރުގެ މީހާ މިދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހު، 23 އަހަރުގެ މީހާ އޮގަސްޓު 16 ވަނަ ދުވަހު އަދި 21 އަހަރުގެ މީހާ އޮގަސްޓު 18ގައި ރާއްޖެ އެތެރެވާން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމީހުންނާބެހޭ އިތުރު މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކުރައްވާފައެއްނުވެއެވެ.

ތިން ބިދޭސީން ޤަވައިދާ ޚިލާފަށް އެތެރެވާން މަސައްކަތްކޮށްފައިވާއިރު މިފަދައިން ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމާއި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމްވެސް ވަނީ މީގެކުރިން ވަރުގަދަކޮށްފައެވެ.

އިމިގްރޭޝަނުން ދަނީ ޝަޚުސު އޮޅުވާލައިގެންނާއި ޤަވާއިދާ ޚިލާފު އެކި ކަންތައްތައް ކުރުމަށް ރާއްޖެ އެތެރެވާ ބިދޭސީންތައް އަތުލައިގަނެ، އެ މީހުން ޑީޕޯޓްކުރަމުންނެވެ.