ޚަބަރު

މި ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ


  • މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ

މި ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި ހުޅަނގު މޫސުމުގެ ވިއްސާރަ ޑިސެމްބަރު މަހާއި ހަމައަށް ދެމިގެންދާނެއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާގެ ޑިއުޓީ ފޯކާސްޓަރ ޚަދީޖާ ނުސްރާ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ވިދާޅުވިއެވެ.

އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވިނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ވިއްސާރަ ކުރާނެކަން ޚަދީޖާ ފާހަގަކުރެއްވިއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު ގުގުރުންވެސް އެކަށީގެންވާކަމަށް ވިދާޅުވިއެވެ.

ޚަދީޖާ އިތުރަށް ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަ ކަމަށެވެ. އެގޮތުން މިރޭ 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ކޮންމެ ހިސާބަކަށްވެސް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން 8 މޭލާއި 18 މޭލަށް ދެކުނުގެ ރަށްތަކަށް ވައިގަދަވާނެ ކަމަށާއި ނަމަވެސް މާދަމާ މެންދުރުފަހުން ފެށިގެން ވައިމަޑުވާނެކަމަށް ލަފާކުރެވޭކަމަށް ޚަދީޖާ ވިދާޅުވިއެވެ.

ޚަދީޖާ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި އުދަ އެރުމުގެ ފުރުސަތު ކުޑަ ކަމަށާއި އުދަ އަރާނެކަމަށް ލަފާނުކުރެވޭކަމަށެވެ.