ޚަބަރު

ރައީސް ގޮވާލެއްވީ ޒަޔަނިސްޓުންގެ ގަތުލްޢާއްމު ހުއްޓުވައި، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމްކޮށްދިނުމަށް


  • ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަހޫދީ ދައުލަތުގެ ހަމަލާތައް ނިރުބަވެރި ހަމަލާތަކެއްގެ ގޮތުގައި ސިފަކުރައްވާފައި

ޔަހޫދީން ޢައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު މިހާރުން މިހާރަށް ހުއްޓުވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް ދިނުމަށް މުޅި ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ އދ. 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު ދެއްވި ތަޤުރީރުގައެވެ.

ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޤުރީރުގައި ވަނީ މީގެކުރިން ރާއްޖޭގެ ލީޑަރަކު ފަލަސްޠީނުގެ މައްސަލައަށް އަލިއަޅުއްވާނުލައްވާ ވަރަށް އެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޔަހޫދީން ޢައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު ކުށްވެރިކުރެއްވިއެވެ. އަދި މިޢީ ޔަހޫދީން ހިންގަމުންދާ ނިރުބަވެރި ޢަމަލުތަކެއް ކަމަށް އެމަނިކުފާނު ވަނީ އާންމު ތަޤުރީރުގައި ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޔަހޫދީން ސްކޫލުތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް ހަމާލާދީ އެތައްހާހުން މީހުން މަރަމުންދާއިރު، އެކަން ނުހުއްޓުވި މިހާރު އެ ޖަރީމާތައް ލުބްނާނާއި ހިސާބަށް ފުޅާވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިޢަމަލުތައް ފޮރުވުމަށް ފަލަސްޠީނާއި ލުބްނާނުގެ ނޫސްވެރިން މަރަމުންދާކަންވެސް އެމަނިކުފާނު ފާޙަގަކުރެއްވިއެވެ. އެހެންކަމުން ޔަހޫދީ ދައުލަތް މި ނިރުބަވެރި ޢަމަލުތަކަށް ޖަވާބުދާރީކުރުވަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ދުނިޔޭގެ ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމްކޮށް، އދ. ފުރިހަމަ މެންބަރުކަން އެ ޤައުމަށް ލިބޭކަން ޔަޤީން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިނިވަން ފަލަސްޠީނުގެ ދައުލަތެއް ޤަބޫލުކުރަން 1967ގެ ކުރީގެ ބޯޑަރާއި އެއްގޮތަށް. އެއީ އިރުމަތީ ޤުދުސް ފަލަސްޠީނުގެ ވެރިރަށް ކަމަށް ބަލައިގެން. އަޅުގަނޑުމެން މަރުހަބާ ކިޔަން މި ޢާންމު މަޖިލީހުގައި ފަލަސްޠީނުގެ އަޙުންނާއި އުޙްތުން ތިބުމަށް މިއަދު ފުރުސަތު ދިނީތީ. ދެން އަޅުނގަނޑުމެން ޔަޤީން ކުރަން ޖެހެނީ ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ލިބުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަލަސްޠީނު މައްސަލާގައި ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމުތަކުގައި އަބަދުވެސް ވަކާލާތު ކުރަމުންނެވެ. އަދި ޔަހޫދީ ދައުލަތުގެ ޤަތުލްޢާއްމް ހުއްޓުވުމަށް މީގެ ކުރިންވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމުތަކުގައި ދަނީ އެކަމަށް އަޑުހަރުކޮށް ވަކާލާތުކޮށްފައެވެ.