ޚަބަރު

ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން އެހީތެރިކަން ހޯދުމަށް އިނގިރޭސިވިލާތާއެކު މަޝްވަރާކޮށްފި


  • މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅެގޮތުން ވާހަކަދެއްކެވި

  • ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އިނގިރޭސިވިލާތުގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ވަޒީރު ކެރީ މެކާތީއާ ބައްދަލުކުރައްވައިިފިއެވެ.

މި ބައްދަލުވުން އޮތީ އދ.ގެ 79 ވަނަ އާންމު މަޖިލީހުގެ ސެޝަންގައި ބައިވެރިވެވަޑަތުމަށް ކުރައްވާ ދަތުރުފުޅުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައިގެ ދާއިރާއާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި ދާއިރާތަކުން އިސްކަންދޭ ކަންތައްތަކާ ބެހޭ ގޮތުންނާއި އިނގިރޭސިވިލާތުން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ދެ ޤައުމުގެ މެދުގައި މި ދާއިރާއިން ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ބައްދަލުވުމެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.