ޚަބަރު

"މާތްﷲ އާ އޮތް ގުޅުން ރަނގަޅުކުރުމަށް، ދީނީ ޢިލްމު އުނގެނުން މުހިންމު"


  • ދިވެހި ޒުވާނުން ދީނީކަންކަން ހޯދާބަލަން ޝައުޤުވެރި

  • މީސްމީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ

ތިމާ އާއި ﷲ އާއި އޮތް ގުޅުން ރަނގަޅުކުރުމަށް، ދީނީ ޢިލްމު އުނގެނުން މުހިންމުކަމަށް އިނގިރޭސިވިލާތުގެ ދީނީ ޢިލްމުވެރިޔާ، ޝައިޙް އަލްއުސްތާޛު އަބޫ ތައިމިއްޔާ ވިދާޅުވެއްޖެއެވެ.

ޝައިޙް އަބޫ ތައިމިއްޔާ މިފަދައިން ވިދާޅުވީ ޓީވީއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ

ދީނީ އަޤީދާ ވަރުގަދަކުރުމަށާއި، ދިމާވާ ކަންކަމުގައި ހައްލު ހޯދުމަށް ދީނަށް ބަރޯސާވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދީނުގެ ކަންކަން ސާފުކޮށް ނޭނގުންކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ. އަދި އުނގެނުމަކީ ދީނީ ޢިލްމުވެރިއަކަށް ވާން، ނުވަތަ ސަނަދެއްގެ ބޭނުމުގައި ކުރާކަމަކަށް ހެދުމުގެ ބަދަލުގައި އެއީ އެ މީހެއްގެ ދީނީ މަޢުލޫމާތު މުއްސަނދިކުރުމަށް ކުރާކަމަކަށް ވާންޖެހޭކަމަށް ޝައިޙް ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ދީނަށް ޝައުގުވެރިވެ، އަޤީދާ ވަރުގަދަވާނެކަން ޝައިޙް ފާހަގަކުރެެއްވިއެވެ.

"ﷲތަޢާލާ އަށް ލޯބި އިތުރުވާނީ އެ ކަލާނގެއާ މެދު މަޢުލޫމާތު ހޯދާ އެއްކުރިވަރަކަށް. ތަޢުހީދާއި ސުންނަތްތައް ދަސްކުރުން މުހިންމު. ދީނީ ލޯބި އަށަގެންނެވުމަށާއި މާތްﷲގެ މަގަށް ރުޖޫޢަވުމަށް މިއީ މުހިންމުކަމެއް." ޝައިޙް އަލްއުސްތާޛު އަބޫ ތައިމިއްޔާ ވިދާޅުވިއެވެ.

ޝައިޙް އަލްއުސްތާޛު އަބޫ ތައިމިއްޔާ ރާއްޖެއަށް ވަޑައިގެންފައިވަނީ މަހަލްދީބު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން "އެންލައިޓަން" ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މައިގަނޑު ގޮތެއްގައި ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މާލޭގެ އިތުރުން، މި ހަރަކާތްތައް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

"ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝައިޙް ވިދާޅުވީ އެކި ހަރަކާތްތަކުން މިހާތަނަށް ބައްދަލުވި ދިވެހި ޒުވާނުންގެ ކިބައިން ފާހަގަކުރެވުނުކަމަކީ ދީނީ މަޢުލޫމާތު އޮޅުންފިލުވުމަށާއި ހޯދުމަށް ޒުވާނުން ޝައުގުވެރިވާ މިންވަރުކަމަށެވެ.

މިއަދު ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފޯނާއި، މީސްމީޑިއާގެ ވަސީލަތްތަކަށް ދެވިހިފާ އެކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރުންކަމަށް ޝައިޙް އަބޫ ތައިމިއްޔާ ވިދާޅުވިއެވެ. އެކަން ވެގެންދަނީ ހެޔޮއަމަލުތަކާއި ދުރުކުރުވާކަމަކަށްކަން ޝައިޙް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުޑުދިންނަށް ތަފާތު އެކި ގެޖެޓްތައް ދިނުމާއި، ސޯޝަލް މީޑިއާ ބޭނުންކުރަން ފުރުޞަތު ހޯދައިދިނުމުގައި ޒިންމާދާރުވުމަށް ޝައިޙް ގޮވާލެއްވިއެވެ.

ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "އެންލައިޓެން" ޕްރޮގްރާމާ ގުޅޭގޮތުން ޝައިޙް އަބޫ ތައިމިއްޔާ އިތުރަށް ވިދާޅުވީ މި ހަރަކާތުގެ ތަޞައްވުރަކީ އިސްލާމް ދީނަށް ޒުވާނުންގެ ހިތުގައި އޮތް ލޯބި އިތުރުކޮށް، ދީނީ ޢަމަލުތަކާ ޒުވާނުން ގާތްކޮށްދިނުންކަމަށެވެ.

"ވަރަށް ގިނަ ފަހަރު ދީނީކަންކަމާއިމެދު ދެކެވެނީ ވަގުތު ލިބުުން ކުރެވޭކަމެއްގެ ގޮތުގައި. މި ހަރަކާތްތަކުގެ މަަޤްސަދަކީ އިސްލާމީ ޝަހްސިިއްޔަތާއިމެދު ޒުވާނުންގެ ހިތުގައި އޮންނަ ލޯބި ވަރުގަދަވެ، ފަޚުރުވެރި މުސްލިމުންނަށްވުމަށް އެހީތެރިވުން." ޝައިޙް އަލްއުސްތާޛު އަބޫ ތައިމިއްޔާ ވިދާޅުވިއެވެ.

ޝައިޚް އަބޫ ތައިމިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މާލޭގައި ކުރިއަށްގެންދާ ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ. މާލޭގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންނަށް ޚާއްސަ ޑިނަރ އަދި ކޮފީ ސެޝަންތަކާއި، ޔުނިވަރސިޓީތަކާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތައް ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ ސެޝަންތަކާއި، އާންމު ދަރުހަކާއި، ހުކުރު ޚުޠުބާގެ އިތުރުން ޒުވާނުންނަށް ބާއްވާ ކުޅިވަރު ހަރަކާތްތައް ވެސް މާލޭގެ ތާވަލުގައި ހިމެނެއެވެ.

މާލޭގައި ބާއްވާ ހަރަކާތްތަކަށްފަހު، ޝައިޚް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ. އައްޑޫގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި އައްޑޫ ހައި ސްކޫލަށް ޒިޔާރަތްކުރެއްވުމާއި، ސްކޫލްތަކުގެ އިސްވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އާންމު ދަރުސެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ ފަހުން، ޝައިޚް ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ވަނީ ތާވަލުކުރެވިފައެވެ. ފުވައްމުލަކުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ސްކޫލް ސެޝަނަކާއި، އެ ސިޓީގެ ޒުވާނުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ބާއްވާ އާންމު ދަރުސެއް ހިމެނެއެވެ. އަދި އެ ސިޓީގެ ފަތުރުވެރިކަމުގެ ތަޖުރިބާ ހޯއްދެވުމާއި ފަތާ ހަރަކާތްތަކަށް ވެސް އެއް ދުވަސް ވަނީ ޚާއްސަކުރެވިފައެވެ.

"އެންލައިޓަން" ޕްރޮގްރާމް ކުރިއަށްގެންދަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ، ތަޢުލީމީ ވުޒާރާ، އައިޔޫއެމް އަދި އެމްއެންޔޫ ފަދަ މުއައްސަސާތަކުގެ އެއްބާރުލުމާއި ބައިވެރިވުމާއެކުގައެވެ.

އިނގިރޭސިވިލާތަށް އުފަންވެވަޑައިގަންނަވާފައިވާ އަލްއުސްތާޛު އަބޫ ތައިމިއްޔާއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިން ޑިގްރީ ހާސިލްކުރެއްވުމުގެ އިތުރުން، ޔަމަނާއި، ސަޢުދީ އަރަބިއްޔާގައި ފިޤުހުގެ ދާއިރާއިން ތަޢުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޒުވާން ޖީލު، ޚާއްސަކޮށް ފުރާވަރުގެ ކުދިންގެ މެދުގައި ޚާއްސަ މަޤްބޫލުކަމެއް ހޯދާފައިވާ މި ދީނީ ޢިލްމުވެރިޔާއަކީ މީސްމީޑިއާގައި މަޝްހޫރު ޢިލްމުވެރިއެކެވެ.