ޚަބަރު

ސެޓްފިކެޓްތައް ވެރިފައި ކުރެވޭނެ ސިސްޓަމެއް އެމްކިއުއޭގައި ޤާއިމުކުރަނީ


  • އެ ސިސްޓަމް އަންނަ އަހަރުގެ މެދުތެރޭ ޤާއިމްކޮށް ނިންމާލެވޭނެ

  • ސެޓްފިކެތްތަކުގެ އަސްލު ބަލާލެވޭނެ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގައި ސެޓްފިކެޓްތައް ވެރިފައި ކުރެވޭނެ ސިސްޓަމްއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ ވަގު ސެޓްފިކެޓް ވިއްކުމާއި ޤަވައިދާ ޚިލާފަށް އެޓެސްޓުކުރުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ.

ފިޒާނާ ވިދާޅުވީ، ވަޒީފާ ހޯދުމަށް ވަގު ސެޓްފިކެޓް ހުށައަޅާ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ އިދާރާގައި ސެޓްފިކެޓްތައް ވެރިފައި ކުރެވޭނެ ސިސްޓަމްއެއް ޤާއިމްކުރުމަށްޓަކައި އެންސީއައިޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ ސިސްޓަމް އަންނަ އަހަރުގެ މެދުތެރޭ ޤާއިމްކޮށް ނިންމާލެވޭނެ ކަމަށް ފިޒާނާ ވިދާޅުވިއެވެ.

"ކޮންމެ މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަށް ސެޓްފިކެޓަކީ ސައްހަ އެއްޗެއްތޯ ބެލުމަށް އަޅުގަނޑުމެންނަށް ހުށައެޅުމަކީވެސް ފަސޭހަކަމެއް ނޫން. ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޝަންތަކާ ގުޅިގެން އެތަންތަނުގައިވެސް މިފަދަ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކުރަން. މިއީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ދެކެނެ." އެމްކިއުއޭގެ ސީއީއޯ ފިޒާނާ ވިދާޅުވިއެވެ.

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ، އެ ސިސްޓަމް ޤާއިމްކުރުމުން ވަޒިފާ ދޭ މީހުންނަށް ފަސޭހައިން ވަޒީފާއަށް ހުށައަޅާ މީހުންގެ ސެޓްފިކެތްތަކުގެ އަސްލު ބަލާލެވޭނެކަމަށެވެ. އަދި މަތީ ތަޢުލީމް ދޭ މަރުކަޒުތަކަށްވެސް އެ ސިސްޓަމްއަށް ޑާޓާތައް އެންޓަރ ކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

މި ސިސްޓަމްގެ ސަބަބުން ރާއްޖޭގައި މިހާތަނަށް މަތީ ތަޢުލީމަށް ކިޔަވާފައި ތިބި ދަރިވަރުންގެ ޢަދަދާއި ކިޔަވާފައި ތިބި ދާއިރަތައްވެސް ބަލާލެވޭނެކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ވަގު ސެޓްފިކެޓްތައް ވިއްކުމުގެ ކަންކަން ސޯޝަލް މީޑިއާއި ޓެލެގްރާމް ޗެނަލްތައްކުންވެސް ކުރިއަށްގެންދެއެވެ. އަދި މިއަހަރުގެ މިހާތަނަށް ވަގު ސެޓްފިކެޓް ވިއްކުމުގެ 3 މައްސަލައައެއް ފުލުހުންގެ ޚިދުމަށް ހުށައަޅާފައިވެއެވެ. އަދި އަސްލާ އެއްގޮތް ވާގޮތަށް ތައްގަނޑު ޖެހުމުގެ ކަންކަން ޕްރިންޓްކުރާ ތަންތަނުންނާއި އެކަމުގެ ހުއްދަ ނެތް ފަރާތްތަކުން ކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.