ޚަބަރު

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް


  • މަކުނުދޫ ބިން ހިއްކުމުގެ 90 އިންސައްތައަށްވުރެ ބޮޑު ބައި ނިމިފައި

  • ރިވެޓްމަންޓްގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓް މިމަހު އެރަށަށް ގެންދަނީ

މަކުނުދޫ ބިން ހިއްކާ އެރަށުގައި އެއަރޕޯޓު ތަރައްޤީކުރުމަކީ މަކުނުދޫ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ. 1800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެރަށަކީ އަތޮޅުގެ އެހެން ރަށްތަކާއި ވަކިން ދުރުގައި އޮންނަ ރަށެކެވެ. އެހެންކަމުން ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކޮށް ރަށުގެ އިޤްތިޞާދު ފުޅާކުރުމަށްވެސް މިމަޝްރޫޢަކީ ނުހަނު މުހިއްމު މަޝްރޫޢެކެވެ.

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ބިގް ފިޝް މޯލްޑިވްސްއާއި ޙަވާލުކޮށްގެން ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އަހަރެއްގެ ތެރޭގައި ނިންމާގޮތަށް މަސައްކަތް ޙަވާލުކުރިނަމަވެސް، މި މަސައްކަތް ފެށިތާ މާގިނަ ދުވަހެއް ނުވެ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެރަށުގައި ހިނގި ސިލިންޑަރު ގޮވުމުގެ ޙާދިސާއެއްގައި، ބިން ހިއްކުމުގެ މަސައްކަތުގައި ޢަމަލީގޮތުން މަސައްކަތްކުރަމުންދިޔަ 2 މީހަކު ނިޔާވުމާގުޅިގެން މަސައްކަތް މަޑުޖެހުނެވެ. ދެ ފަހްތާއަށްފަހު ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މަސައްކަތް އަވަސްކުރުމަށް އޭގެފަހުން އެރަށަށްވަނީ އިތުރު ޑްރެޖަރެއްވެސް ގެންގޮސްފައެވެ. މަސައްކަތް ނިމުމަށް އޮތް ތާވަލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިނަމަވެސް މިއަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް މަކުނުދޫ ކައުންސިލުން ލަފާކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލުން ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތްގެ 90 އިންސައްތައަށްވުރެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. އަދި ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ ތެރޭގައި މަކުނުދޫއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އެގޮތުން ބޮޑުހިލަ ގެންދިޔުމަށް ހަމަޖެހިފައިވާ ބާޖު ކައިރިކުރުމަށް ރަށުގެ ބަނދަރުން ޖެޓީ ސަރަޙައްދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. ކައުންސިލުން ވިދާޅުވީ، ރިވެޓްމަންޓްގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާރިޗު މަހާ ހިސާބަށްކަމަށެވެ.

މަކުނުދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ނިންމާފައި އޮތީ 1500 މީޓަރުގެ ރަންވޭއަކާއެކުގައެވެ. އެހެންނަމަވެސް މަކުނުދޫގެ ރައްޔިތުންގެ އެދުމާއެއްގޮތަށް އެރަށުގައި 1800 މީޓަރަށް ރަންވޭ ބޮޑުކޮށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.

މަކުނުދޫ އެއަރޕޯޓު ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. ބިގް ފިޝް މޯލްޑިވްސްއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 16 މިލިޔަން ޑޮލަރަށެވެ.