ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް ހަދާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބިދޭސީން ގެނައުމަށްޓަކައި ހުރިހާ ފީތައް ދެއްކޭނީ އެކްސްޕެޓް ސިސްޓަމްގެ ތެރެއިންނެވެ.
ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވީ، ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާ 7،501 ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ފީތައް ނުދައްކާތީ ކަމަށްވެސް މަޖީދު ވިދާޅުވިއެވެ. އެހެންނަމަވެސް ޕޭމަންޓްތައް ކްލިއާ ކުރުމުން އެ ފަރާތްތަކަށް އަލުން އެ ސިސްޓަމް ބޭނުން ކުރެވޭނެކަން މަޖީދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުނަމަ އެފަރާތްތަކަށް ފައިސާ ދައްކާ ޚަލާސް ކުރުމުގެ ފުރުޞަތު މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ދިނެވެ. މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، އިޢުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ ކަމަށް ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ދާޚިލީ ވުޒާރާއިން ވިދާޅުވީ، މިހާތަނަށް އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން 3،692 ފަރާތަކުން އެދިފައިވާކަމަށެވެ. ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ ފަރާތުން 23.2 މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެ އަދަދަށް ފައިސާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފާއިވާ ކަމަށެވެ.
• ވޯކް ޕާރމިޓް ފީ: 187 މިލިޔަން ރުފިޔާ
• ކޯޓާ ފީ: 63 މިލިޔަން ރުފިޔާ
• ކެންސަލޭޝަން ފީ: 2.7 މިލިޔަން ރުފިޔާ
• ޖުމްލަ: 253 މިލިޔަން ރުފިޔާ
ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ފަރާތްތަކާއެކު ބިދޭސީންގެ މައްސަލާގައި ޚިޔާލާއި މަޝްވަރާ ހޯދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50،000 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ޤަވާއިދުން ފީ ނުދައްކާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.