ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މި އަހަރު ލިބެންވީ ފްރާންސާއި ރެއާލް މެޑްރިޑްގެ ފޯވަޑް ކީލިއަން އެމްބާޕާ އަށް ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ސަބަބުތަކެއް ވެސް ތަޖުރިބާކާރު ދެއްކި އެވެ. ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އިޓަލީގެ އިންޓަމިލާނާއި ރޯމާ އާއި ޕޯޗުގަލްގެ ޕޯޓޯ އާއި ރެއާލްގައި ވެސް ކާމިޔާބު ހޯދި ތަޖުރިބާކާރު ކޯޗު ބުނީ ފަހަކަށް އައިސް ބަލޮންޑޯ އެވޯޑް ދޭ ގޮތް މުޅިން ރަނގަޅު ނޫން ކަމަށެވެ.
"ބަލޮންޑޯ ދޭންވީ ވޯލްޑް ކަޕް ނުވަތަ ޗެމްޕިއަންސް ލީގު ހޯދާ ކުޅުންތެރިޔާ އަކަށް ނޫން. މުޅި އަހަރު ތެރޭގައި އެންމެ މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިޔާ އަށް. އަހަރެން ދެކޭ ގޮތުގައި މޮޅު ކުޅުންތެރިޔާ ހުރީ (ވޯލްޑް ކަޕް ޗެމްޕިއަން) ސްޕޭންގައި ނޫން، އަދި (ޔޫރަޕުގެ ޗެމްޕިއަން ފްރާންސްގެ) ޕީއެސްޖީއަކު ވެސް ނޫން،" މޮރީނިއޯ ބުންޏެވެ.
ދެ ވަނަ ފަހަރަށް ރެއާލް މެޑްރިޑާ ހަވާލުވި ކޯޗު ވަނީ އޭނާގެ ނަޒަރުގައި މި އަހަރުގެ ބަލަންޑޯ އެމްބާޕޭ އަށް ހައްގުވާ ސަބަބުތަކެއް ވެސް ކިޔައިދީފަ އެވެ.
"ބަލަންޑޯ ދޭން ވާނީ އޭނާގެ މަތިން އަބަދުވެސް މީހުން ހަނދާންވާނެ ކަންތައްތަކެއް ކޮށްފައިވާ ކުޅުންތެރިއަކަށް. ރިޓަޔާ ކުރިއަސް ބަލޮންޑޯ ދޭންވީ (އާޖެންޓީނާގެ ކުރީގެ ކެޕްޓަން) ޑިއެގޯ މަރަޑޯ އަށް، (އާޖެންޓީނާގެ މިހާރުގެ ކެޕްޓަން ލަޔޮނަލް) މެސީ އަށް، (ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ (ރޮނާލްޑޯ) އަށް، ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑޯ (ނަޒާރިއޯ) އަށް. މިފެންވަރުގެ ކުޅުންތެރިއަކަށް. މި ތަނުގައި (ރެއާލްގައި) އެބަހުރި މި އަހަރު ދުނިޔޭގެ ތާރީހް ބަދަލު ކޮށްލި ކުޅުންތެރިއެއް. އެއީ އެމްބާޕޭ،" ނިމިދިޔަ ވޯލްޑް ކަޕުގައި އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހެދި އެމްބާޕޭއާ ބެހޭ ގޮތުން މޮރީނިއޯ ބުންޏެވެ.
"ޗެމްޕިއަންސް ލީގު ހޯދާ މީހަކަށް ދޭނަމަ ދޭންވީ (ޕީއެސްޖީގެ ކޯޗު) ލުއިސް އެންރީކޭ އަށް. ވޯލްޑް ކަޕް ހޯދައިގެން ދޭނަމަ ދޭންވީ (ސްޕޭނުގެ ކޯޗު) ލުއިސް ޑެލަފުއެންޓޭ އަށް،" މޮރީނިއޯ ބުންޏެވެ.
މި އަހަރުގެ ބަލޮންޑޯ އަށް ވާދަކުރާނެ ކަމަށް ބެލެވޭ ކުޅުންތެރިންނަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ އާއި ސްޕޭނާއި ބާސެލޯނާގެ މިޑްފީލްޑަރު އަދި ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރުޔާ ރޮޑްރީގޯ އާއި ޖަރުމަނުގެ ރަންބޫޓު ހޯދި އިނގިރޭސި ކެޕްޓަން ހެރީކޭން އެވެ.
ބަލޮންޑޯ ހޮވަނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނާއި ހޮވާލެވޭ ނޫސްވެރިންގެ ވޯޓުންނެވެ.