ޚަބަރު

އިންޖިނޭރުންގެ ދުވަސް: ރާއްޖޭގެ ޒަޢާމަތުގައި އިންޖިނޭރެއް


  • ރައީސް މުޢިއްޒު މަތީ ތަޢުލީމު ހާސިލްކުރެއްވީ ސިވިލް އަދި ސްޓްރަކްޗަރަލް އިންޖިނިއަރިން ދާއިރާއިން

  • އިންޖިނިއަރިންގެ ބިޔަ މަޝްރޫޢުތަކުގައި އެމަނިކުފާނުގެ ހިއްސާ ބޮޑު

ރާއްޖޭގައި މިއަދު އިންޖިނޭރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހާ ގުޅުވައިގެންް ފާހަގަކުރާ ދުވަހެކެވެ. އިންޖިނޭރުންގެ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގައި ޒަަޢާމަތުގައި މިއަދު އިންނެވި، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަކީ ސިވިލް އެންޑް ސްޓްރަކްޗަރަލް އިންޖިނިއަރެއްގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އިންފްރާސްޓްރަކްޗަރގެ އެންމެ ބިޔަ މަޝްރޫޢުތައް އަމަލީގޮތުން ހިންގެވުމުގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑު ދައުރެއް އަދާކުރައްވާފައެވެ.

އިންޖިިނިއަރިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން، ބެޗްލަރސް އޮފް އިންޖިނިއަރިން ވިތު ފަސްޓް ކްލާސް އޮނާސް ހާސިލުކުރެއްވީ ޔުނިވަރސިޓީ އޮފް ކޮލެޖް ލަންޑަންއިންނެވެ. ހަމަ ޔުނިވަރސިޓީން އެމަނިކުފާނު މަސްޓަރ އޮފް ސައިންސް އިން ސިވިލް އިންޖިނިއަރިން ހާސިލުކުރެއްވިއެވެ.

"ބޭނުންވީ އިންޖިނިއަރިން ދާއިރާއަށްދާން. އެންމެ ބޮޑަށް ބޭނުންވީ ސިވިލް އިންޖިނިއަރިން. އިމާރާތްކުރުމާއި މިކަހަލަ މަސައްކަތްކުރަން ބޭނުންވީ. އެ ދާއިރާ ނުލިބިއްޖިއްޔާ ދެން ޗޫސްކުރާނީ އިލެކްޓްރިކް ނޫނީ އިލެކްޓްރޯނިކް. އެކަހަލަ ވިސްނުމެއްގައި އޭރު އުޅުނީ. ދެން އެހެން އުޅެނިކޮށް ލިބުނީ" އިންޖިނިއަރިން ދާއިރާއަށް ވެދެވަޑައިގެންނެވި ގޮތް ހިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަތީ ތައުލީމު ހާސިލުކުރެއްވި ޔުނިވަރސިޓީ އޮފް ލަންޑަންއަކީ އިނގިރޭސިވިލާތުގައިވެސް އަދި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ، އެންމެ ރަނގަޅު އެއް ޔުނިވަރސިޓީއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ޔުނިވަރސިޓީއާ ގުޅިވަޑައިގެންނެވީ ލިިބިވަޑައިގެންނެވި ސްކޮލަޝިޕެއްގައެވެ.

ބެޗްލަރސް ޑިގްރީއާއި މާސްޓަރސް ޑިގްރީއަށްފަހު، އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއާ ވަރަށް ގުޅުންހުރި ދާއިރާއަކުން އެމަނިކުފާނު ޕީއެޗްޑީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްއިންނެވެ.

"ޕީއެޗްޑީ ހެދިއިރު ވަރަށް ބަލާފައި އެއޮތީ، ރާއްޖެ މިއީ އެންމެ ބޮޑަށް އަވިދޭ އެއް ޤައުމަށްވާއިރު، ސަންލައިޓު އަދި އެއާއެކީގައި ލޯންޑްޓަރމްގައި ސްޓްރަލްޗަރތަކަށް، ކޮންކްރީޓް ސްޓްރަކްޗަރތަކަށް އަންނަކަހަލަ ބަދަލުތަކާބެހޭ ރިސާޗެއް އެއީ. ވަރަށް ސްޕެޝަލައިޒްޑް ރިސާޗެއް ދެއްތޯ ޕީއެޗްޑީއަކަށް ހަދަންޖެހޭނީ. ކުރުގޮތަކަށް ބުންނަންޏާ ލޯންގްޓާމް އިފެކްޓް އޮން ކޮންކްރީޓް ސްޓްެރަކްޗަރސް ޑިއުޓު ތަރމަލް އެންޑް ޓައިމް ޑިޕެންޑްމަންޓް" ޕީއެޗްޑީ ހެއްދެވި ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވިއެވެ.

މަޝްރޫޢުތައް ރާވައި ހިންގުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ އިތުބާރުހުރި ސަނަދުދޭ އެއް މުއައްސަސާކަމުގައިވާ އެމެރިކާގެ ޕްރޮޖެކްޓް މެނޭޖްމަންޓް އިންސްޓިޓިއުޓުން، ޕްރޮޖެކްޓް މެނޭޖްމަންޓް ޕްރޮފެޝަނަލް (ޕީއެމްޕީ) ސެޓްފިކެޓްވެސް އެމަނިކުފާނު ވަނީ ޙާޞިލްކުރައްވާފައެވެ.ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 1998 ވަނަ އަހަރު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވިއިރު، އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެއްޓެވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ޕްލޭނިންގ ޓެކްނީޝަން ޓްރޭނީއެއްގެ ގޮތުގައެވެ.

"
ރާއްޖޭގެ ތަރައްޤީއަށް ބަލާއިރު ވަރަށް މުހިއްމު އެކި ކަހަލަ އިންޖިނިއަރުން ދާއިރާތަކުން ދިވެހިން ކިޔަވައިގެން ނުކުންނަން، ނިކުމެ ރާއްޖޭގައި ހިދުމަތްކުރަން. ބޭރު މީހުންނެއް ނޫން، ދިވެހިން ބޭނުންވަނީ ހުރިހާ އިންޖިނިއަރިން ދާއިރާތަކުގައި މަސައްކަތްކުރަން
ރައީސުލްޖުމްހޫރިއްޔާ

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާ ޢުމްރާނީ ތަރައްޤީގެ ދާއިރާގެ ވަޒީރުކަމުގެ މަގާމު އެމަނިކުފާނު ފުރުއްވި އަހަރުތަކަކީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުނު ދުވަސްތަކުގެ އިތުރުން، އެންމެ އުސް ޢިމާރާތްތަކާ އެންމެ ބިޔަ ޢުމްރާނީ މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދިޔަ ދުވަސްތައްވެސްމެއެވެ.

އަދި އެންމެ ގިނަ މަގު ތާރު އަޅައިގެން ހެދުމާ، ބިން ހިއްކުމުގެ އެންމެ ބޮޑެތި މަޝްރޫޢުތައް ފަށައި، ކާމިޔާބުކަމާއެކު ނިންމާފައިވާއިރު އޭގެތެރޭގައި ސިނަމާލެ ބްރިޖް، ދަރުމަވަންތަ ހޮސްޕިޓަލް، ހިޔާ ފްލެޓްތައް، ހައްދުންމަތީ ބޮޑުމަގު، މާލޭ ރިންގް ރޯޑް، މާލޭ އިންޑަސްޓްރިއަލް ވިލެޖް، ހުޅުމާލެ 2 ވަނަ ފިޔަވަހި ބިން ހިއްކުމަކީ އިންޖިނިއަރިންގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ. މާލެ ސިޓީގައި އެންމެ ގިނަ ޕާކްތަކާ ބަގީޗާތައް ނިންމައި ހުޅުވާލާފައިވަނީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްތަކާ ސިޓީތަކުގައި ބިން ހިއްކުމާ، ބަނދަރުހެދުމާ، ފެނާ ނަރުދަމާގެ ޚިދުމަތް ފަދަ ތަރައްޤީގެ މަޝްރޫޢުތައް އެމަނިކުފާނު ވަޒީރަކަށް ހުންނަވައިގެނެވެ. ވަޒީރުކަމުގެ އިތުރުން މާލޭގެ މޭޔަރަކަށް ހުންނަވައިގެންވެސް އެމަނިކުފާނު ވަނީ އުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

"ތައުލީމުގެ ސަބަބުން އަޅުގަނޑަށް ވަރަށް ބޮޑު ފަސޭހަތަކެއްވެސް ލިބުނު ޕްރެކްޓިކަލް ފީލްޑަށް ނިކުމެ. ކޭސް ސްޓަޑީތައް ޕްރެކްޓިކަލީ އެންމެ ބޭނުން ދާއިރާތަކުން ކިޔަވައިދޭތީ ރާއްޖެ އައިސް އިންޖިނިއަރގެ ގޮތުގައި މަސައްކަތް ފެށިއިރު ވަރަށް ފަސޭހަވި" ރައީސް ވިދާޅުވިއެވެ.

މޭޔަރުކަމާއި ވަޒީރުގެ މަޤާމަށްފަހު ރައީސް މުޢިއްޒު މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން ގެންދަވަނީ މީގެކުރިން ހިންގާފައިވާ މަޝްރޫޢުތަކަށްވުރެ ބިޔަ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްގެންދަވަމުންނެވެ. އޭގެތެރެއިން ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ ތިމާވެއްޓާއި އެންމެ ރަށްޓެހި، އެންމެ ޒަމާނީ، އެންމެ ބޮޑު ސަހަރުކަމަށްވާ ރަސްމާލެއަކީ ފާހަގަކޮށްލެވޭ މަޝްރޫޢެކެވެ. ރަސްމާލޭގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ އެެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުގެ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އަދި މި ނޫންވެސް ގިނަ މަސައްކަތްތަކެއް މިސަރުކާރުގެ މިހާތަނަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށްވެސް ބޮޑެތި މަޝްރޫޢުތަކެއް ހުރިއިރު، އިންޖިނިއަރިން ދާއިރާއިން ރައީސް މުޢިއްޒު މަތީ ތައުލީމް ހާސިލުކުރައްވައިގެން ހުންނެވުމަކީ، ރާއްޖޭގެ އުމްރާނީ ތަރަޢްްޤީއަށް އެކަމުގެ ސަބަބުން އެތައް ފައިދާތަކެއް ލިބިގެންދާނެކަމެކެވެ.

"އަޅުގަނޑު ބޭނުން އިންޖިނިއަރިން ކިޔަވާ ކުދިންނަށް ޔުނިވަރސިޓީގެ ތެރެެއިން ރަނގަޅު ގޮތްތައް ހަމަޖައްސައިދޭން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު ހަމަޖައްސާނަން. އެއީ ކޮންމެހެން އަޅުގަނޑު އިންޖިނޭރަކަށްވެގެނެއް ނޫން. ރާއްޖޭގެ ތަރައްޤީއަށް ބަލާއިރު ވަރަށް މުހިއްމު އެކި ކަހަލަ އިންޖިނިއަރުން ދާއިރާތަކުން ދިވެހިން ކިޔަވައިގެން ނުކުންނަން، ނިކުމެ ރާއްޖޭގައި ހިދުމަތްކުރަން. ބޭރު މީހުންނެއް ނޫން، ދިވެހިން ބޭނުންވަނީ ހުރިހާ އިންޖިނިއަރިން ދާއިރާތަކުގައި މަސައްކަތްކުރަން" އިންޖިނިއަރިން ދާއިރާއަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ފަދައިން އެމަނިކުފާނުގެ ސަރުކާރުން މިހާރު ގެންދަވަނީ އިންޖިނިއަރިން ދާއިރާއިން ދިވެހިން ތަމްރީންކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެހެންކަމުން އިންޖިނިއަރިން ދާއިރާގެ ތަޖުރިބާކާރެއް ޤައުމުގެ ހިންގެވުމާއި ހަވާލު ހުންނެވުމަކީ އުމްރާނީ ތަރައްޤީގެ ކުރިއެރުންތައް ލިބުމުގެ އިތުރުން، އިންޖިނިއަރިންގެ ދާއިރާއިން އިންސާނީ ބިނާކުރުމަށްވެސް ލިބިގެންދާ ބާރެކެވެ.