ޚަބަރު

ޕޭޝަންޓް ސޭފްޓީ ކޮމިޓީގައި ބަލި މީހުންގެ އަޑު އިއްވޭނެގޮތް ހަދަނީ


  • މިކޮމިޓީ މިއަހަރުގެ ތެރޭގައި އެކުލަވާލުމަށްދަނީ މަސައްކަތްކުރަމުން

  • މިހާރުވެސް ހޮސްޕިޓަލުތަކުގައި ހުރި ކިޔުއައިޑީ ތަކާއި ގުޅިގެން މަސައްކަތްކުރާނެ

  • ބަލިމީހުންގެ ފަރާތުން މިކަމުގައި މަސައްކަތްކުރާނެ ފަރާތްތަކެއް ތަމްރީންކުރާނެ

ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސިއްޙީ ވުޒާރާގައި އެކުލަވާލާ ޤައުމީ ފެންވަރުގެ ޕޭޝަންޓް ސޭފްޓީ ކޮމިޓީގައި ބަލި މީހުންގެ ބައިވެރިވުން ހިމެނުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

މިކޮމިޓީ މިއަހަރުގެ ތެރޭގައި އެކުލަވާލުމަށް މަސައްކަތްކުރަމުން އަންނަކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާ ގުޅޭ ފަރާތްތައް ހިމެނޭހެން ޤައުމީ ފެންވަރުގައި ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ސިއްޙަތާ ބެހޭ ވުޒާރާއިން ގެންދަވަނީ ކުރައްވަމުންނެވެ. މިކޮމިޓީއަކީ ބަލި މީހުންނަށް ދިމާވާ ކަންކަމާއި ގުޅޭގޮތުން އަދި އެފަދަ ކަންކަން ޙައްލުކުރުމަށް އަދި ބަލި މީހުންނަށް ސިއްޙީ ފަރުވާގެ ތެރެއިން ކުތިމަތިވެދާނެ ނުރައްކާތަކުން ދުރާލާ ރައްކާތެރިވުމަށް މަސައްކަތްކުރާ ކޮމިޓީއެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ސިއްޙަތާ ބެހޭ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ، މި ކޮމިޓީގައި ބަލި މީހުންނަށް ކުރިމަތިވާ އެކި މައްސަލަތައް ކޮމިޓީގައި ހިއްސާކޮށް ބަލި މީހުންގެ ފަރާތުން ތަމްސީލުކުރާނެ ފަރާތްތަކެއް މި ކޮމިޓީގައި ބައިވެރިކުރުވުމަށް ނިންމާފައިވާކަމަށެވެ.

"އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުން، މިފަހަރު ކޮމިޓީގައި ބަލި މީހުންގެ ފަރާތުން ބައިވެރިކުރާނަން. އެމީހުންގެ އަޑުއަހަން، އެމީހުންގެ ވާހަކަތައް ކިޔައިދޭނެ ބަޔަކު އެކޮޅަށް ލާނެ." ތަސްލީމާ ވިދާޅުވިއެވެ.

ރާއްޖޭގައި ޓާރޝަރީ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ކޮލިޓީ އިމްޕްރޫވްމެންޓް ޑިޕާޓްމަންޓް ޤާއިމުކޮށް އަންނަނީ ބަލި މީހުންނާ ގާތުން މަސައްކަތްކުރަމުންނެވެ. އެހެންކަމުން ޤައުމީ ފެންވަރުގައި ޤާއިމުކުރާ ކޮމިޓީގައިވެސް މިފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތްކުރުމަށް ބަލި މީހާގެ މަޢުލޫމާތު ހޯދާ އެކަން ކޮމިޓީގައި ހިއްސާކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމަށާއި އެކަމަށްޓަކައި ބަޔަކު ތަމްރީނުވެސް ކުރަންޖެހޭކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ މަސައްކަތްތައް ކުރަމުން އަންނައިރު މިއަހަރުގެ ތެރޭގައި ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމަކީ، ސިއްޙީ ފަރުވާ ދޭ ތަންތަނުގައި މަސައްކަތްކުރާ ޚިދުމަތްތެރިންގެ އަތުން ކަމެއް ގޯސްވެއްޖެނަމަ، އަމިއްލައަށް އިސްވެ އެކަމެއް ގޯސްވެއްޖެކަން ބުނަން ކެރޭފަދަ ގޮތަކަށް ނިޒާމު ބައްޓަންކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ޚިދުމަތްދޭން ތިބި ފަރާތްތަކަށް ދިމާވާކަންކަން ބަލައިގެން މައްސަލަތައް ޙައްލުކުރުމަކީ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީގޮތުން މިހާރު ބޭނުންކުރަމުންދާ ޓޫލްއެއްކަމަށް ވިދާޅުވެއެވެ.

ބަލި މީހުން ހުށައަޅާ މައްސަލަތައް ބަލާ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި ރައްކާތެރި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަންވެސް ސިއްޙަތާ ބެހޭވުޒާރާއިން ފާހަގަކުރައްވައެވެ.