ޚަބަރު

ތިނަދޫ ކޯލްޑް ސްޓޯރޭޖް އަންނަ އަހަރަށް ނިންމުމަކީ ރައީސްގެ އަމާޒެއް: ވަޒީރު ޝިޔާމް


  • ވަޒީރު މިހެން ވިދާޅުވީ ގދ. ތިނަދޫ މަސްވެރިންނާއި ބައްދަލުކުރައްވައި

  • މަސްވެރިންގެ ކަންބޮޑުވުންތައް ވަނީ ވަޒީރާއި ހިއްސާކޮށްފައި

ތިނަދޫ ސިޓީގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަންނަ އަހަރަށް ނިންމައި މަސް ގަންނަން ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ތިނަދޫ ސިޓީގެ މަސްވެރިންނާއއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

މަސްވެރިންނާއެކު ބޭއްވި މި ބައްދަލުވުމުގައި ތިނަދޫގެ މަސްވެރިން އެދިފައިވަނީ މަސްވެރިންނަށް ދިމާވެފައިވާ ތެލުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށެވެ. އަދި މަސްވެރިންވަނީ މިފްކޯއިންނާއި އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން ބިލަށް ވަގުތުން ފައިސާ ނުލިބޭތީ މަސްވެރިންނަށް ފައިސާދީފައި ތެޔޮއެޅުމަކީ ވަރަށް ބޮޑު ތަކުލީފެއްކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ވުޒާރާއިން މަސައްކަތްކޮށްގެން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް މަސްވެރިން ވަނީ އެދިފައެވެ.

މީގެ އިތުރުން ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅައިދިނުމާއި ފަރުމަސްވެރިކަން ތަރައްޤީ ކުރުމަށް އެ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަސްވެރިން އެދިފައިވެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ތެލުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި، މި ފެށޭ ހަފްތާގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މަސްވެރިން އެދުނު ގޮތަށް މިފްކޯއާ ވާހަކަދައްކައިގެން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެވެން އޮތް އެހީތެރިކަން ބައްލަވައި، ވުޒާރާއިން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީރު ޝިޔާމް ވިދާޅުވީ ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަންނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި ވުޒާރާއިން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ސަރުކާރުން ހުޅުވާލާ އާރްއެސްޑަބްލިއު ސިސްޓަމާއި ގުޅޭގޮތުންނާއި މަސްވެރިންގެ ދަފުތަރާ ގުޅޭގޮތުން މަސްވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ.