ތިމާވެށި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް


މިއަހަރުގެ ތިމާވެށީގެ ދުވަސް ފަހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ރަސްފަންނުގައި ޚާއްޞަ ޙަރަކާތްތަކެއް ހިންގެވުމަށް ނިންމަވައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފަސްވަނަ ދުވަހެވެ.

ތިމާވެށީގެ ދުވަހާ ގުޅޭ ހަރާކާތްތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓާގުޅޭ އެކިއެކި ދާއިރާތަކުން މީހުން ޙޭލުންތެރިކުރުންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިއަދު ހަވީރު ރަސްފަންނުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދެވި ފޮޓޯގްރަފީ މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް ހަނދާނީ ލިޔުމާއި އިނާމުދިނުން އޮންނާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ތިމާވެށީގެ ޙާލަތު ދައްކުވައިދިނުމަށް ސްކޫލްކުދިން ކުރަހާފައިވާ ކުރެހުންތައް ޓައިލްސްއަށް ޕްރިންޓްކޮށް ދައްކާލުންވެސް މި ޙަރަކާތުގެ ތެރޭގައި އޮންނާކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާ ބެހޭގޮތުން ކުރިޔަށްގެންދާ އެނަރޖީ އެފިޝެންސީ އާރޓް ކޮމްޕެޓިޝަން އިފްޠިތާހްކުރުންވެސް އޮންނާނެކަމަށް އެންވާރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ތިމާވެށީގެ ދުވަހާއި ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ޔޫއެންޑީޕީއާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، އެމްއެންޑީއެފް އާއި، ފުލުހުންނާއި، ޤައުމީ ޔުނިވަރސިޓީއާއި، ގިނަ ސްކޫލްތަކުންނާއި ދިރާގުން ބައިވެރިވެއެވެ.