ޚަބަރު

ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ޕްރޮޕޯސަލެއް


  • މި ޕްރޮޕޯސަލް ހުށައެޅީ ސިންގަޕޫރުގެ ކުންފުންޏަކުން

  • ނެޗުރަލް ގޭސް ބޭނުންކޮށްގެން ތިމާވެށްޓާ ރައްޓިހި ގޮތަކަށް ކަރަންޓު އުފެއްދޭނެ

ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ބޭނުންކޮށްގެން ހަކަތަ އުފައްދާ ނެޓްވޯކެއް ޤާއިމްކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކުން ޕްރޮޕޯސަލެއް ހުށައަޅައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވީ، ސިންގަޕޫރުގެ ޗީ އެނަރޖީ ކުންފުނިން ލިކުއިފައިޑް ނެޗުރަލް ގޭސް ބޭނުންކޮށްގެން ގޭބިސީތަކުން ބޭނުންކުރާ ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ޕްރޮޕޯސަލެއް ހުށައަޅާފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗީ އެނަރޖީ ކުންފުނިން ހުށައެޅި ޕްރޮޕޯސަލްގައި، ރާއްޖޭގައި މޮޑިއުލަރ ލިކުއިފައިޑް ނެޗުރަލް ގޭސް، އެލްއެންޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ޤާއިމުކުރާނެކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ނިޒާމެއް ޤާއިމުކުރުމުން، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވާނެކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ނެޗުރަލް ގޭހަކީ ބިމުގެ އަޑިން ނަގާ ޤުދުރަތީ ވަޞީލަތެކެވެ. ނެޗުރަލް ގޭސް ބޭނުންކޮށްގެން ގިނަ ޤައުމުތަކުގައި ކަރަންޓު އުފައްދައިގެން ބޭނުންކުރެއެވެ. މިގޮތަށް ކަރަންޓު އުފެއްދުމަކީ ތެޔޮ އަންދައިގެން ކަރަންޓު އުފެއްދުމަށްވުރެ ތިމާވެށްޓާ ރައްޓެހި ގޮތެކެވެ.

ސަރުކާރުގެ އަމާޒަކީ ކަރަންޓު އުފެއްދުމަށް ތެޔޮ އަންދާ މިންވަރު ކުޑަކޮށް، ހަކަތަ އުފެއްދުމަށް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމެވެ. އެގޮތުން މި ދައުރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.