ޚަބަރު

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ޖަމްޢިއްޔާތަކުގެ ދައުރު ބޮޑު: ވަޒީރު ޑރ. ޝަހީމް


  • ރާއްޖޭގެ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ވަނީ ބައިވެރިވެފައި

  • ޖަމިއްޔާތަކުގެ ފުރަތަމަ މަހާސިންތާ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ

ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ރާއްޖޭގައި މަސައްކަތްކުރާ ދީނީ ޖަމްޢިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދީނީ ޚިދުމަތް ކުރާ ޖަމްޢިއްޔާތަކުގެ މަހާސިންތާގެ ކާމިޔާބީ ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ދީނީ މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އެފަދަ ޖަމްޢިއްޔާތަކުގެ ފުރަތަމަ މަހާސިންތާ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދީނީ، އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2024 ގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ދީނީ ވަޙުދަތު ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތް ކުރުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.


މި މަހާސިންތާގައި ބައިވެރި ބައެއް ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ތަޖުރިބާއާއި ޚިޔާލު ހިއްސާކޮށްފައެވެ. އެގޮތުން މި މަހާސިންތާއަކީ ވަރަށް މުހިންމު މަހާސިންތާއެއްކަމަށާއި މި މަހާސިންތާއިން ވަރަށް ގިނަ މައުލޫމާތުތައް ލިބިގެން ގޮސްފައިވާކަމަށް އެފަރާތްތަކުން ފާހަގަކުރިއެވެ. އަދި މިފަދަ ގޮތަކަށް މަހާސިންތައް ބޭއްވުމަކީ ޖަމްޢިއްޔާތައް ކުރިއަރައި ދިޔުމަށް އެހީވެދޭނެކަމެއްކަމަށް އެ ފާރާތްތަކުން ފާހަގަކުރެއެވެ.

"މިގޮތަށް އަހަރަކު އެއްފަހަރު މަހާސިންތާގައި ބައިވެރިވެ އެއްބަޔަކު އަނެއްބަޔަކު ދިމާވެގެން ދިޔުމަކީ ޖަމްޢިއްޔާތަކުގެ ކުރިއެރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމެއް. މި މަހާސިންތާއިން އަޅުގަނޑުމެންނަށް ވަރަށް ގިނަ މައުލޫމާތު ލިބިގެން އެބަދޭ" މަހާސިންތާގެ ބައިވެރިން ފާހަގަކުރިއެވެ.

ދީނީ ޖަމްޢިއްޔާކުގެ އަހަރީ ބައްދަލުވުން ކުރިއަތް ގެންގޮސްފައިވަނީ 3 ސެޝަނަކަށް ބަހާލައިގެންނެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވެފައިވާ ފަރާތްތައްވެސް ހިމެނެއެވެ.

މިބައްދަލުވުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިހާރު މަސައްކަތްކުރަމުންދާގޮތާއި، ދީނީ ދަޢުވަތު ފެތުރުމުގެ މަސައްކަތް މިހާރަށްވުރެ ރަނގަޅުކުރުމަށް ބޭނުންވާ ބަދަލުތައް ދެނެގަތުމާއި، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކުން މާލީ ގޮތުން އަދި ވަޞީލަތް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެހީތެރިކަމަށް އެދެމުންދާތީ އެކަން ވަކި ނިޒާމެއްގެ ތެރެއިން ޤާއިމުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރަމުންނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ އިލްމުވެރިންގެ މަހާސިންތާ، ޖަމްޢިއްޔާތަކުގެ މަހާސިންތާ، އިމާމުންގެ މަހާސިންތާ، ޒަކާތު މަހާސިންތާ، ޙައްޖާއި އުމްރާ މަހާސިންތާގެ އިތުރުން ފަތުވާ މަޖިލީހުގެ މަހާސިންތާ ބޭއްވުމުގެ މަސައްކަތް ކުރަމުންނެއެވެ.