ޚަބަރު

5 ތަނެއް ބަލައި ފާސްކޮށް، 5 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި


  • މި އޮޕަރޭޝަން ހިންގާފައިވަނީ 12 ސެޕްޓެންބަރުގައި

ބިދޭސީން ދިރިއުޅޭ 5 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅުނު 5 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

މިއީ މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އިރުޝާދުގެ ދަށުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އާންމު ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ފެށި އޮޕަރޭޝަނެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ވަނީ 12 ސެޕްޓެންބަރު 2024 ގައި، މާލޭގެ 05 ގެއެއް ބަލައި 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން މާލެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން އުޅޭ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރާނެ ކަމަށެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.