ޚަބަރު

ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ރައީސް އުވައިލައްވައިފި


  • މި އޮތޯރިޓީ އުވާލެއްވެވީ ރައީސަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން

  • މިއީ ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ދަށުން ހިންގަމުންދިޔަ ތަނެއް

  • މިއީ ޚަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުވައިލައްވައިފިއެވެ.

އެމަނިކުފާނު މި އޮތޯރިޓީ އުވާލައްވާފައިވާކަން ޢިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި އޮތޯރިޓީ އުވާލެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން ކުރަމުންއައި މަސައްކަތްތައް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންދާގޮތަށް ހަމަޖައްސަވައިފައިވާ ކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ. އަދި މިގޮތަށް ހަމަޖެއްސެވީ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކުރަމުންއައި މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި، މިހާރަށްވުރެ ޚަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްކަމަށްވެސް އެ ދެންނެވުމުގައިވެއެވެ.

ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ވަކި އިދާރާއެއްގެ ގޮތުގައި އުފައްދަވާފައިވަނީ، ރާއްޖޭގެ ބިމާއި ކަނޑުފަޅުތަކާއި އަދި ފަރުތަކުގެ ދިރާސާތައް ކުރުމުގެ ބޭނުމުގައެވެ.

މި އޮތޯރިޓީ އުވާލިއިރު ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ތަސްދީޤު ކުރައްވާފައެވެ. މި ޤާނޫނުގެ ދަށުން ރާއްޖޭގެ ބިމުގެ ބޭނުން ކުރަން ޖެހެނީ އިޤްތިޞާދީ ގޮތުން އަދި އިޖްތިމާޢީ ގޮތުން އެންމެ ފައިދާވާ ގޮތަށެވެ. އެގޮތުން މި ޤާނޫނުގެ ދަށުން ބިން ތަރައްޤީކުރުމުގެ ހުއްދަ ދެވޭނެ އިދާރާތައް ވަނީ ކަނޑައަޅާފައެވެ.

ބިން ތަރައްޤީކުރުމުގެ ހުއްދަ ދެވޭނެ އިދާރާތައް:

• ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާ
• ސިޓީ ކައުންސިލްތައް
• ރަށު ކައުންސިލްތައް
• އަރބަން ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
• ޞިނާޢީ ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
• އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތަތައް

ރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ރާއްޖޭގެ ބިމުގެ ޖާގައިގެ ދަތިކަމެވެ. ބިމުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފާ ރާއްޖޭގެ އިޤްތިޞާދަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ ގޮތުން ބިނާވެށީގެ މަސައްކަތް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެވެ.