ޚަބަރު

ކެމިކަލް އަދި ބަޔޮލޮޖިކަލް ނުރައްކާތަކަށް ތައްޔާރުވުމުގެ މަސައްކަތު ބައްދަލުވުމެއް


  • ޢަމަލީ އަދި ފަންނީ ހުނަރުތައް ތަރައްޤީކުރެވޭނެ ގޮތްތަކަށް އަލިއަޅުވާލާފައިވޭ

  • އިޖާބަދިނުމުގެ ޕްލޭންތައް ހަރުދަނާކުރުމަށް އިސްކަންދޭނެ ކަންކަން ކަނޑައެޅި

ރާއްޖޭގައި ދިމާވެދާނެ ކެމިކަލް އަދި ބަޔޮލޮޖިކަލް ކުއްލި ނުރައްކާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 13އިން 15އަށް ހޮޓެލް ޖެންގައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ކެމިކަލް އަދި ބަޔޮލޮޖިކަލް ނުރައްކަލުގެ ޙާލަތްތަކުގައި ޙަރަކާތްތެރިވާ ޓީމުތަކާއި ކަމާގުޅޭ މުއައްސަސާތަކުގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ދުރާލާ ނުރައްކާތައް ދެނެގަތުމާއި، އިދާރާތަކުގެ ދައުރު ފުޅާކުރުމުގެ އިތުރުން ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

ކަމާގުޅޭ މުއައްސަސާތަކުގެ 50 އޮފިޝަލުން ބައިވެރިވި މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިސްނަގައިގެން، އެމްއެންޑީއެފް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ގުޅިގެން އިންތިޒާމުކުރި މި މަސައްކަތު ބައްދަލުވުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ އަދި ޑަބްލިއުއެޗްއޯ ސީއަރޯ އިންނެވެ.

ނުރައްކާތައް ވަޒަންކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ރައްކާތެރިކަމުގެ އާލާތްތައް ބޭނުންކުރުމާއި، އަވަސް ފަރުވާގެ މިންގަނޑު ކަނޑައެޅުން އަދި ޑިކޮންޓެމިނޭޝަން ފަދަ ޢަމަލީ އަދި ފަންނީ ހުނަރުތައް ތަރައްޤީކުރުމަށް މި މަސައްކަތު ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ޕްލޭންތަކާއި ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް އެސްއޯޕީ ހަރުދަނާކުރުމަށް އިސްކަންދޭނެ ކަންކަންވެސް ވަނީ ކަނޑައަޅާފައެވެ.

ހާދިސާއެއްގެ ސަބަބުން ކެމިކަލް ނުވަތަ ބައޮލޮޖިކަލް މާއްދާތައް ބޭރުވުމާއި، ގައިންގަޔަށް އަރާ ބަލިމަޑުކަމެއް ފެތުރުން ނުވަތަ ވިހަވުމާއި ތަޣައްޔަރުވުމުގެ ޙާލަތްތަކަކީ ޢާންމު ޞިއްޙަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ކަންކަމެވެ. އެހެންކަމުން އެފަދަ ޙާލަތްތަކުގައި އެކި އިދާރާތައް ގުޅިގެން އަވަސް ފިޔަވަޅު އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން މިފަދަ ނުރައްކާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ އިޖުރާއާތުތަކަށް ކަމާގުޅޭ މުއައްސަސާތަކުގެ ހޭލުންތެރިކަން އިތުރުވެ، ޤައުމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް މިފަދަ ތަފާތު އެކި ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ރޭވިފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.