ޚަބަރު

ޑިޖިޓަލައިޒޭޝަނަކީ ޤައުމީ ތަސައްވުރުގެ ބިންގާ: ރައީސް


  • ޑިޖިޓަލައިޒޭޝަންގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާކަމަށް ވިދާޅުވި

  • ދިވެހިންނަކީ އުފެއްދުންތެރި ބަޔަކަށް ހަދަން ބޭނުންފުޅުވާކަންވެސް ފާހަގަކުރެއްވި

ޑިޖިޓަލައިޒޭޝަނަކީ ޤައުމީ ތަސައްވުރުގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޜަން ފޯ އިންޓެލޖެނސް ޑްރިވެން ފިއުޗަރ ފޯ މޯލްޑިވްސް" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޑިޖިޓަަލައިޒޭޝަންގެ ވާހަކަތައް ދައްކާއިރު ރާއްޖެ ފަދަ ކުޑަ ޤައުމަކަށް އޭގެ ސަބަބުން ކުރާނެ އަސަރާމެދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. އެއީ ޤައުމީ ތަސައްވުރުގެ ބިންގާ ކަމަށާއި ކޮންމެ ދިވެއްސަކަށްވެސް ކުރިއެރުމަށް ބޭނުންވާ ޑިޖިޓަލް ވަސީލަތްތައް ފޯރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭން ޑިޖިޓަލައިޒޭޝަން ބަލައިގަންނަނީ އިޤްތިޞާދީ ކުރިއެރުމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުވެސް މަތިކުރުމަށް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމުގައި ރާއްޖޭން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި، މިއަދު ރާއްޖޭގެ މުޅި އާބާދީއަށް ހައިސްޕީޑް އިންޓަނެޓް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިންނަކީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ ބައެއްގެ އިތުރުން އެފަދަ ތަކެތި އުފައްދާ އުފެއްދުންތެރި ބަޔަކަށް ހަދަން ބޭނުންފުޅުވާކަން ފާހަގަކުރައްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޑިޖިޓަލް މޯލްޑިވްސް ޕްރޮގްރާމް ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދެއްވަމުން ދާކަމަށެވެ. އަދި އަންހެނުންނަށްވެސް ޓެކްނޮލޮޖީ ދާއިރާގައި ހަމަހަމަ ފުރުޞަތުތައް ލިބޭނެގޮތް ކަށަވަރުކުރައްވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މޫސުމީ ގޮތުން ރާއްޖެއަކީ ނާޒުކު ޤައުމަކަށްވި ނަމަވެސް ޑިޖިޓަލައިޒޭޝަންގެ ސަބަބުން އެ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރެވޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ސަބަބުން އެކި ދާއިރާތަކުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ފަރަގުތައް ނައްތާލެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިޖިޓަލައިޒޭޝަންގެ ސަބަބުން އިޤްތިޞާދު ސިންދަފާތުކޮށް އީކޮމާސްއާއި ޑިޖިޓަލް ޕޭމަންޓް ވަސީލަތްތައް ޤާއިމުކޮށް ވިޔަފާރިތައް ކުރިއަރައިގެންދާ ކަމަށާއި ވެރިކަން ހިންގުމުގެ ނިޒާމުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ކޮރަޕްޝަން މަދުވެ، ޖަވާބުދާރީވުން އިތުރުވެ، އާންމު ޚިދުމަތްތައް ރަނގަޅުވަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސައިބަރ ސެކިއުރިޓީއާއި ޑޭޓާ ރައްކާތެރިކުރުމާއި ސައްޙަ ނޫން މަޢުލޫމާތު ފެތުރުންފަދަ ގޮންޖެހުންތައްވެސް ޑިޖިޓަލް ޒަމާނުގައި ހުރިކަން ފާހަގަކުރައްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކާއެކު އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއަށްގެންދާ ޑިޖިޓަލް އުފެއްދުންތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭންސްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުޅި ރާއްޖޭގައި އިނޮވޭޝަން ހަބްތަކާއި ޓެކްނޮލޮޖީ ޕާކުތައް ތަރައްޤީކުރުމަށް ނޭޝަނަލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ފުޅާކޮށް، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް އުފައްދާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.