ޚަބަރު

މާލޭގެ ބައެއް ސަރަޙައްދުތަކުގައި ބަހުގެ ޚިދުމަތް ފަތިހު 5 ޖަހާއިރު ފަށަނީ


  • މިސަރަޙައްދުތަކުގައި ކުރިން ބަހުގެ ޚިދުމަތް ފަށަނީ 6 ޖަހާއިރު

  • މާލެއާއި ހުޅުމާލޭގެ 8 ސަރަޙައްދެއްގެ ބަހުގެ ޚިދުމަތުގެ ގަޑިތައްވަނީ އަވަސްކޮށްފައި

  • މިބަދަލު ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ގެނައުމަށްވަނީ ނިންމާފައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މާލެ ސަރަޙައްދުގައި ދެމުންދާ ބަހުގެ ޚިދުމަތުގެ ބައެއް ރޫޓުތަކަށް ބަދަލުގެނެސް، ބަހުގެ ޚިދުމަތްދޭ ދޭން ފަށާ ގަޑި އަވަސްކުރަން ނިންމައިފިއެވެ. އެމްޓީސީސީން މިބަދަލަށް ޢަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ދަތުރުފަތުގެ ޚިދުމަތް އެއްގަމާއި ކަނޑުގައި އެންމެ ފުޅާދާއިރާއެއްގައި ދެމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ. ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތަކަށްވުމާއެކު، ޚިދުމަތް ރަނގަޅުކުރުމުގައި އެކުންފުނިންގ އަބަދުވެސް ޢާއްމުންގެ ޚިލާޔަލަށް އިސްކަންދެއެވެ.

ބަހުގެ ޚިދުމަތް އެކުންފުނިން އެންމެ ފުޅާދައިރާއެއްގައި ފޯރުކޮށްދެނީ މާލެ ސަރަޙައްދުގައެވެ. މަލެ ސަރަޙައްދުގައި ދެމުންދާ ބަހުގެ ޚިދުމަތާއި ގުޅޭގޮތުން ޢާއްމުންގެ ޚިޔަލާ އެއްގޮތަށް އަނެއްކާވެސް މިވަނީ ބަދަލެއް ގެނައުމަށް ކުންފުނިން ނިންމާފައެވެ.

އެމްޓީސީސީން ވިދާޅުވީ މާލެ ސަރަހައްދުގެ 8 ރޫޓަކަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ވެސްޓްޕާކު ސަރަޙައްދުން އަދި ކަނިވާ ސަރަޙައްދުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށްދާ ބަސް ރޫޓާއި، ހުޅުމާލޭ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށްދާ ހިޔާ ފްލެޓް ސަރަޙައްދުގެ ރޫޓާއި، ހުޅުމާލޭ ދެވަނަ ފިޔަވަހިން މާލޭ ވެސްޓްޕާކަށް އަދި ކާނިވާ ސަރަޙައްދަށްދާ ރޫޓާއި، ދަރުމަވަންތަ ހޮސްޕިޓަލު ހުޅަނގު ސަރަޙައްދު އޯކިޑް ރޫޓާއި، ރާޅުގަނޑު އަމީނީ ރޫޓާއި، އެމްޓީސީސީ ސޮމިލް ސޯސަން ރޫޓަށްވެސްވަނީ ބަދަލުގެނެސްފައެވެ. އެމްޓީސީސީންވަނީ މިރޫޓުތަކުގެ ބަހުގެ ޚިދުމަތް ފެށޭ ގަޑި ފަތިހު 5 ޖަހާއިރަށް ބަދަލުކޮށްފައެވެ.

މީގެކުރިން ބަހުގެ ޚިދުމަތް ފެށޭގަޑިއަކި ހެނދުނު 6 ޖަހާއިރެވެ. އެހެންނަމަވެސް ޢާންމުންގެ ގިނަބައެއްގެ އެދުމާއެކު ޚިދުމަތް އަވަސްކޮށް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދޭންފަށާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ ވިދާޅުވީ ބަހުގެ ޚިދުމަތާއި ގުޅޭ ގޮތުން ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ބަހުގެ ޚިދުމަތް ބޭނުންކުރާ އާބާދީއާއި ބާރު ބޮޑުވާ ގަޑިތަކުގެ މަޢުލޫމާތު އެއްކުރަމުންދާކަން ސަޢުދީ ފާހަގަކުރެއްވިއެވެ.

"ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވުމަށް ރައީސް ޑރ.މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ. ގިނަ ރައްޔިތުންތަކެއް ހުޅުމާލެއަށް ބަދަލުވުމާއެކު އޮފީސްތަކަށާއި ސްކޫލްތަކަށް ދިޔުމަށް ގިނަ ބަޔަކު ބަހުގެ ޚިދުމަތް އެބަ ބޭނުންކުރޭ. އެހެންކަމުން އަޅުގަނޑުމެންނާ ހަމައަށް އައީ ޢާއްމުންގެ ފަރާތުން މިގޮތަށް ބަދަލު ގެނައުމުން ގިނަ ބަޔަކަށް ފަސޭހަވެގެންދާނެކަން. މިބަދަލަށް ބެލުމަށްފަހު ކުރިއަށް އޮތްތަނުގައި އިތުރު ބަދަލުތަކެއްވެސް ގެންނަންޖެހޭނަމަ ގެންނާނަން." ސަޢުދީ ވިދާޅުވިއެވެ.

ބަހުގެ ޚިދުމަތަކީ ގިނަ ބަޔަކު ދަތުރުފަތުރުކުރުމަށް ބޭނުންކުރާ މައިގަނޑު އެއް ވަޞީލަތެވެ. މާލެ ސަރަޙައްދުގައި އެތައް ބަޔަކު ބަރޯސާވެފައިވާ މިޚިދުމަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ. މިކަމުގައި މާލެ ސަރަޙައްދުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ މާލެތެރޭގައި އެއްގަމު އުޅަނދުތައް ގިނަވުމުގެ މައްސަލަކަން އެކުންފުނިން ފާހަގަކުރެއެވެ.

މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެއާބާދީ ބޮޑެތި ރަށްރަށުގައިވެސް އެމްޓީސީސީންދަނީ ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މީގެއިތުރުން ޤައުމީ ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތްވެސް ސަރުކާރާއި ގުޅިގެން އެކުންފުނިންދަނީ ކުރަމުންނެވެ.