ސްޓެލްކޯގެ ނެޓްވޯކް ސްމާޓް ގްރިޑަކަށް ބަދަލުކޮށް ނިމިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސްމާޓް ގްރިޑުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ ހުރިހާ އިންޖީނުތައް އޮޕަރޭޓްކުރަމުންދަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް ކޮމްޕިއުޓަރު މެދުވެރިކޮށް ކަމަށެވެ. އެގޮތުން، ޑިސްޓްރިބިއުޝަން ސިސްޓަމް މިހާރު ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައިވާ ކަމަށާއި، މިއާއެކު ހުރިހާ ޓްރާންސްފޯމަރުތައް އޮފީހުގައި ތިބެގެން ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެ ކުންފުނިން ޚިދުމަތް ދޭ ރަށްތަށްވެސް މިހާރު ސްމާޓް ގްރިޑް މެދުވެރިކޮށް އިންޖީނުތައް ކޮންޓްރޯލްކޮށް އޭގެ ހާލަތު ދެނެގަނެވޭނެ ސިސްޓަމެއް ޤާއިމުކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ މުޅި ނެޓްވޯކް ސްމާޓް ގްރިޑަކަށް މިހާރު ބަދަލުކޮށްފައިވާއިރު ދެން ކުރިއަށްދާނީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ސްމާޓް މީޓަރ އިންސްޓޯލް ކުރުމަށް ލަސްމިވީ ސްމާޓް ގްރިޑް އިމްޕްލިމަންޓްކޮށް ނިމެންދެން އަޅުގަނޑުމެން މަޑުކޮށްލީ. ޖުމްލަ ޓޯޓަލް ސޮލިއުޝަން މި ލިބެނީ ސްމާޑް ގްރިޑާއި ސްމާޓް މީޓަރާ އެއްކޮށް އައިމަ،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުން ސްމާޓް މީޓަރަށް ބަދަލު ކުރުން ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރު އަޙްމަދު އިޤުބާލު ވިދާޅުވީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ދޭ ރަށްތަކުގެ ތެރެއިން 3 ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި ސްމާޓު ގްރިޑު ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގެ ކަރަންޓު ލޯޑު މާލޭގައި ހުންނަ ސްޓެލްކޯގެ މައި އޮފީހުން ފެންނާނެހެން އެ ނިޒާމު ޤާއިމް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސްމާޓް ގްރިޑާއެކު ކަރަންޓު ކެނޑޭ ހާލަތްތަކުގައި ކަރަންޓު އަނބުރާ ދިނުމަށް މިހާރު ހޭދަވާ ވަގުތު ކުޑަކުރެވޭނެ ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.