ފުވައްމުލައް ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެސިޓީއަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.
ފުވައްމުލައް ސިޓީގައި ހުރި ޖަނަރޭޓަރު ސެޓު ހަލާކުވެ އެސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވުމާއެކު އެހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކުންފުނިންވަނީ ހާމަކުރައްވާފައެވެ. އެގޮތުން އެސިޓީގައި ބޭނުންކުރަމުންދިޔަ ޖަނަރޭޓަރެއް ހަލާކުވެ ކަރަންޓު ލޯޑު ހިފެހެއްޓޭވަރަށް ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ނެތުމުގެ ސަބަބުން ވަގުތީ ހައްލެއްގެ ގޮތުން އިމަރޖެންސީ ޕްރޮކިއުމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓަކާއި، އެހެން ރަށެއްގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ފުވައްމުލައް ސިޓީއަށް ފޮނުވިއެވެ. އެހެންނަމަވެސް އެއީ ދާއިމީ ހައްލެއް ނޫންކަމަށާއި ހޫނުގަދަވެ ލޯޑް މަތިވާ މަސްތަކުގައި އިތުރު ޖަނަރޭޓަރު ބޭނުންވާނެކަމަށް ފެނަކައިންވަނީ ވިދާޅުވެފައެވެ.
އެގޮތުން 1200 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދާ އެސިޓީއަށް ފޮނުވުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މިހާރު ކުރަމުން އަންނަކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ. މިއާއެކު ފުވައްމުލައް ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓް މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން ވިދާޅުވެއެވެ.
ޏ. ފުވައްމުލަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، 1,200 ކިލޯވޯޓްގެ ޖެންސެޓެއް އެރަށަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށް ދަނީ.#TeamFenaka pic.twitter.com/mq1xuiiSri
— Fenaka Corporation Ltd (@TeamFenaka) August 27, 2024
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި، ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ އަގުބޮޑެތި ވަޞީލަތްތައް ބަލަހައްޓަންޖެހޭ މިންވަރާ ގާތަށްވެސް ބަލަހައްޓާފައި ނުވުމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ޖަނަރޭޓަރުތައް އޯވަރހޯލް ނުކުރުމާއި، ފެންވަރުދަށް ސްޕެއަރ އެޅުވުމާއި، ރަށްރަށުގެ ކަރަންޓު ކެޕޭސިޓީއަށް ބެލުމެއްނެތި ޖަނަރޭޓަރު އިންސްޓޯލްކުރުން ފަދަ ކަންކަން ކޮށްފައިވާކަންވަނީ ފާހަގަކުރައްވާފައެވެ.
މިސަރުކާރުން މިހާރުވަނީ ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތާއި، ރަށްރަށުގެ ގްރިޑު އަޕްގްރޭޑްކުރުމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުންވަނީ ފާހަގަކުރައްވާފައެވެ.